ރައީސުލްޖުމްހޫރިއްޔާ ގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށް ކުލަބު ގްރީންސްޓްރީޓްސް ތާވަލުގެ ދެވަނައަށް އަރައިފިއެވެ.

ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ކުލަބް ގްރީންސްޓްރީޓްސް ކާމިިޔާބުކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ކުލަަބް ގްރީންސްޓްރީޓްސް ތާވަލުގެ ދެވަނަ މަގާމުގައި އޮތީ ކުރިން އެ މަގާމުގައި އޮތް މާޒިޔާއާއި ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުންނެވެ. އެއްވަނައިގައި އޮތީ ކުލަބު ވެލެންސިއާ އެވެ. އެއީ ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު އެވެ.

ކުލަބު ގްރީންސްޓްރީޓްސް ތާވަލުގެ ދެވަނަިއގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް މާޒިޔާ އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. ގްރީންއަށް ފައިދާ ފަސް ލަނޑު ލިބޭއިރު މާޒިޔާއަށް ލިބެނީ ފައިދާ ތިން ލަނޑެވެ.

ޔޫވީ އަދި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

މިރޭ ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށްގެން މާޒިޔާއަށް ޕްރެޒިޑެންޓްސް ކަޕު ތާވަލުގެ ދެވަނަ މަގާމަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މެޗު ފަށައިގެން ކުލަބް ގްރީންސްޓްރީޓްސް ފެނުނީ ނުރައްކާކޮށެވެ. ޓީމެއްގެ ސިފައިިގައި ގްރީން ދިޔައީ މެޗަކަށް ފަހު މެޗެއް ރަނގަޅުކުރަމުންނެވެ. މެޗު ފަށައިގެން އެ ޓީމުގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނުނުއިރު އެންމެ ފާހަގަކޮށްލެވެނީ ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާނު) އަށް ލިބުނު ބޯޅައެވެ. އެ ބޯޅަ ކީޕަރު އަތުގައި ޖެހިފައި އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ކުލަބް ގްރީންސްޓްރީޓްސް އިން މި މެޗުގައި ލީޑުނެގީ ޔޫވީގެ ކުޅުންެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެއްގައި ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ. އަދި އެ ކުލަބުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ކާމިޔާބުކޮށްދިނީ ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ.

މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ އީގަލްސް އާއި ސަސް އެވެ. އަދި ރޭގަނޑު ކުޅޭނީ ޓީސީ އާއި މާޒިޔާ އެވެ.