ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ އުސްމާން ޑެމްބެލޭގެ އާ އެއްބަސްވުމުގެ މުސާރަ ބޮޑުކުރަން ބާސެލޯނާއިން ދެކޮޅު ހެދުމުން މައްސަލަ ހޫނުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ބާސެލޯނާ އާއި ޑެމްބެލޭ އާއި ދެމެދު ދެކެވުނު ވާހަކަތަކަށް މަަޑުޖެހުމެއް އައީ މުސާރައާއި ހިސާބުންނެވެ. ރިޕޯޓުތައް ބުނާގޮތުން ޑެމްބެލޭ ހުރީ ފަސް އަހަރުދުވަހަށް އާ އެއްބަސްވުމެއްގައި ސޮއިކުރާ ގޮތަށެވެ.

ބާސެލޯނާއަށް ކުރިމަތިވި މާލީ ދަތިތަކާއި ގުޅިގެން މުސާރަ ކުޑަކުރަން އެއްބަސްވި ކުޅުންތެރިންގެ ތެރޭގައި ޑެމްބެލޭ ހިމެނެއެވެ. ނަމަވެސް އެ މުސާރަ ބޮޑުކުރަން ޑެމްބެލޭ އަނެއްކާވެސް ހުށައެޅީ ދާދިފަހުން ސިޓީން 55 މިލިއަން ޕައުންޑުގެ ބޮޑު އަގުގައި ބާސެލޯނާއަށް ފެރާން ޓޮރޭސް ގެނައުމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޑެމްބެލޭ ހުރީ މިވަރުގެ ބޮޑު އަގެއްގަައި ކުޅުންތެރިއެއް ގެނައި ނަމަވެސް އޭނާގެ މުސާރަ ބޮޑުކުރަން ބާސެލޯނާއިން ދެކޮޅު ހެދުމުން ހިތްހަމަނުޖެހިފައެވެ. އަދި ވިސްނުން ހުރީ އެހެން ކުލަބަކަށް ބަދަލުވާން ކަމަށްވެސް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޑެމްބެލޭ ބޭނުންވަނީ އާ މުސާރައަކަށް 40 މިލިއަން ޕައުންޑާއެކު އެއްބަސްވުން އާކުރުމުގެ އަގަކަށް އިތުރު 20 މިލިއަން ޕައުންޑު ހަމަޖެއްސުމަށެވެ.

ޑެމްބެލޭ އާއި ބާސެލޯނާއާއި ދެމެދު އޮތް އެއްބަސްވުން ހަމަވާން ބާކީ އޮތީ ހަ މަސްދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޑެމްބެލޭ އިތުރު އެއްބަސްވުމެއްގައި ސޮއިކުރަން އަދިވެސް ބޭނުންވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ ދާދިފަހުން ކޯޗު ޒަވީ އާއި ޑެމްބެލޭ އާއި ދެމެދު ދެކެވުނު ވާހަކަތަކާއި އެކު އެކަމަށް އެއްބަސްވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް އުސްމާން ޑެމްބެލޭ ބާސެލޯނާއާއި ގުޅުނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އޭރުގެ ރެކޯޑު އަގެއްކަމަށްވާ 135.5 މިލިއަން ޕައުންޑަށެވެ. އޭނާ ބާސެލޯނާއަށް ބަދަލުވި ފަހުން މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. ގިނަ ދުވަސްތައް ހޭދަކުރަނީ އަނިޔާއާއި ގުޅިގެން ކުޅުމާއި ދުރުގައެވެ.