105 މިލިއަން ޔޫރޯ އަށް ރެއާލް މެޑްރިޑަށް ކުޅެމުން އައި ޕޯޗުގަލްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެއްޖެއެވެ.

ރޮނާލްޑޯ ވިއްކާލަން ނިންމިކަން ރެއާލް މެޑްރިޑުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ. ރެއާލް އިން ބުނީ ރޮނާލްޑޯ ޔުވެންޓަސް އަށް ވިއްކާލަން ނިންމީ އޭނާގެ އެދުމުގެ މަތިން ކަމަށެވެ.

އަދި ރެއާލްގައި ހޭދަކުރި މުއްދަތުގައި ކޮށްދިން ކަންތައްތަކަށް އެ ކްލަބުން ވަނީ ރޮނާލްޑޯ އަށް ޝުކުރު އަދާކޮށްފައެވެ.

ރޮނާލްޑޯ ވިއްކާލަން ރެއާލް އިން ނިންމިއިރު ޔުވެންޓަސް އަށް ބަދަލުވުމުގެ ކުރިން ހަދަންޖެހޭ މެޑިކަލް ފުރިހަމަކުރުމަށް އަންނަ ހަފްތާގައި އޭނާ އިޓަލީއަށް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރޮނާލްޑޯ މިވަގުތު ހުރީ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ގްރީސްގައެވެ.

ރޮނާލްޑޯ ގްރީސްގައި ހުރިއިރު މިއަދުގެ ވަގުތެއްގައި އޭނާއާ ބައްދަލުކުރުމަށް ޔުވެންޓަސްގެ ރައީސް އަންދްރޭ އެގްނެލީ ވެސް ވަނީ ގްރީސް އަށް ގޮސްފައިކަން ފާހަގަކޮށްލެވެއެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވިއްކާލަން ރެއާލް އިން ނިންމިއިރު، އޭނާ ނެތްތަން ފޫބައްދަން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ނޫނީ ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް ގެނައުމަށް ރެއާލް އިން މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2009 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ރެއާލް އަށް ބަދަލުވި ރޮނާލްޑޯ އަކީ އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ ވަނީ ރެއާލް އަށް ކުޅެދިން 438 މެޗުގައި 451 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މީގެއިތުރުން ރޮނާލްޑޯ ވަނީ ރެއާލްއާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އޭގެތެރޭގައި ހަތަރު ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު، ދެ ފަހަރެއްގެ މަތިން ސްޕެނިޝް ލީގު، ސްޕެނިޝް ކަޕް އަދި ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކުރުން ހިމެނެއެވެ.

ރޮނާލްޑޯ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ ކުޅުންތެރިއެކެވެ.