މެންޗެސްޓަރ ސިޓީއަކީ އެއްގޮތެއްގައި ހިފަހައްޓަމުން އަންނަ މެޗުތަކުން މޮޅުވާ މެޝިނެއްގެ ގޮތުގައި ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ސިފަކޮށްފިއެވެ.

ޓުޗެލް މިހެން ބުނީ ޗެލްސީއަށް ލީގު ހޯދުމުގައި އޮތީ ކިހާވަރެއްގެ ފުރުސަތެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ރޭ އާސެނަލް ބަލިކޮށް 11 ޕޮއިންޓުގެ ލީޑަކާއެކު އެވެ. ސިޓީ އެއްވަނައިިގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 53 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޗެލްސީ އޮތީ ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެ 42 ޕޮއިންޓާއެކު އެވެ.

ދެ މެޗު މަދުން ކުޅެ ލިވަޕޫލް ތިންވަނައިގައި އޮތީ 41 ޕޮއިންޓާއެކު އެވެ. މިރޭ ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން މި ފަރަގު ކުޑަވާނެ އެވެ.

ސިޓީއާއި ގުޅޭގޮތުން ވާހަކަދައްކަމުން ޓުޗެލް ބުނީ އެއްގޮތެއްގައި ކޮންމެ އަހަރަކު ހިފެހެއްޓޭނީ ވަރަށް ކުޅަދާނަވުމުން ކަމަށާއި އެގޮތަށް އެކަން އޮތަސް ޗެލްސީން އަދިވެސް އެއްވަނައަށް އަރަން މަސައްކަތްކުރާނެ ކަމަށެވެ. އަދި ސިޓީ އޮތް ހާލަތާއި މެދު ޗެލްސީން ހަގީގަތާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

ސިޓީ އެންމެފަހުން ލީގު މެޗަކުން ބަލިވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކްރިސްޓަލް ޕެލަސް އަތުންނެވެ. އޭގެފަހުން ކުޅުނު 11 މެޗުންވެސް ސިޓީ ވަނީ މޮޅުވެފަައެވެ.

ޕްރިމިއަރ ލީގުގެ ތާރީހުގައި ވެސް އާ އަހަރެއް ފެށިއިރު ޓީމެއް ތާވަލުގެ އެއްވަނައިގައި މިހާބޮޑު ލީޑެއް ނުނަގައެވެ.