0-1 އިން ބެލްޖިއަމް ބަލިކޮށް ވޯލްޑް ކަޕްގެ ފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުން ވެސް ވަނީ މި ހާފުގައި ތަނަވަސްކޮށްފައެވެ.

އެގޮތުން ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް، ފްރާންސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު އެޓީމުގެ ޑިފެންޑަރު ޓޯބީ އަލްޑަވައިރަލްޑް ފޮނުވާލި ހަމަލާ ދިފާއުކުރީ، މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސްއެވެ.

ފްރާންސްގެ ގޯލު އުމްޓިޓީ ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

މި ހާފުގައި ފްރާންސް އަށް ގޯލްޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް އޮލިވިއޭ ޖިރޫ އަދި ޒުވާން ޑިފެންޑަރު ޕަވާޑް އަށެވެ. އެގޮތުން ޖިރޫޑް ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައިރު ބެލްޖިއަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ޕަވާޑް ފޮނުވާލި ހަމަލާ ދިފާއުކުރީ ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާއެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ސެމިއުލް އުމްޓިޓީ ވަނީ ފްރާންސް އަށް މެޗުގެ ލީޑު ނަގާދީފައެވެ. އުމްޓިޓީ މި ގޯލު ކާމިޔާބުކުރީ ބެލްޖިއަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ގްރިޒްމަން ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ލީޑު ފުޅާކޮށްލަން ޖިރޫ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ބެލްޖިއަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ބެލްޖިއަމްގެ މިޑްފީލްޑަރު ޑެމްބެލޭ ވަނީ ބްލޮކްކޮށްފައެވެ.

ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

ލީޑު ނެގުމަށްފަހު ފްރާންސް އިން ފުދޭވަރަކަށް ޑިފެންސިވް ކުޅުމެއް ދެއްކިއިރު ބެލްޖިއަމް އިން ދިޔައީ ފްރާންސްގެ ގޯލަށް ކައިރިކައިރީގައި ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެލައިނީ ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު، ފްރާންސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ވިޓްސެލް ފޮނުވާލި ހަމަލާ ލޮރިސް ވަނީ މަތަކޮށްފައެވެ.

މެޗުގެ ފަހުވަގުތުކޮޅުތެރޭ ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް ފްރާންސް އަށް ލިބި ބޭކާރުވެފައިވެއެވެ. އެގޮތުން ގްރިޒްމަން އާއި ޓޮލީސޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ބެލްޖިއަމްގެ ކީޕަރު ކޯޓުއާއެވެ.

ބެލްޖިއަމްގެ މައްޗަށް ފްރާންސް އިން ކުރި ހޯދިއިރު މިއީ 2006 ވަނަ އަހަރަށްފަހު މުބާރާތުގެ ފައިނަލަށް ފްރާންސް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެފަހަރުގެ މުބާރާތުގެ ފައިނަލަށް ފްރާންސް ދަތުރުކުރި ނަމަވެސް ފައިނަލްގައި އެޓީމު ވަނީ އިޓަލީ އަތުން ބަލިވެފައެވެ.

ފައިނަލްގައި ފްރާންސް ބައްދަލުކުރާނީ، ސެމީފައިނަލްގެ ދެވަނަ މެޗުގައި އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.