މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި މެންޗެސްޓާ ސިޓީ އާއި ސަޕޯޓަރުން ރާއްޖެ އަށް އައިސްފި ނަމަ، މަރުހަބާ ދަންނަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ޕްރިމިއަރ ލީގުގައި އިއްޔެ އާސެނަލް 2-1 އިން ބަލިކޮށް ސިޓީ ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނެގި މެޗަށް ފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ގާޑިއޯލާ ބުނީ ސިޓީއަށް ޗެމްޕިއަންކަން ދީ ތަށި ހަވާލުކޮށްފިނަމަ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ދާނެ ކަމަށެވެ.

މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަލި ނުވެ 11 މެޗު ހަމަކުރުމަކީ ރާއްޖެ ކަހަލަ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނެއްގައި ޗުއްޓީ ހޭދަ ކުރަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

މެންޗެސްޓަ ސިޓީން ޕްރިމިއާ ލީގު ކަށަވަރު ކުރަންދެން މަޑުކޮށްގެން ތިބި ކަމަށް މައުސޫމް ވިދާޅުވިއެވެ.

ގާޑިއޯލާ ރާއްޖެ އަންނަ ވާހަކަ މަޖާޒީކޮށް މިހެން ދެއްކީ އާސެނަލް މެޗަށްފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

"އާ އަހަރު މޮޅަކާއެކު ފަށާ 11 ޕޮއިންޓަށް ލީޑު ފުޅާކުރުމުން އެބަ ބުނޭ ޓީމަށް ޗެމްޕިއަންކަން ހޯދައިފިއޭ، ކޮބައިތޯ މިކަމަށް ދޭނެ ޖަވާބަކީ؟" ނޫސްވެރިޔާ ސުވާލު ކުރިއެވެ.

"ސިޓީއަށް ލީގު ދީ، އޭރުން އަހަރެމެން ޗުއްޓީއަށް ރާއްޖެ ދާނަން، މި އަދި ނިމުނީކީ ނޫން، އަހަރެމެން އަދިވެސް އިތުރު ޕޮއިންޓުތަކެއް ހޯދަންޖެހޭ،" ޖަވާބުގައި ގާޑިއޯލާ ބުންޏެވެ.

ސިޓީ އެއްވަނައިިގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 53 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޗެލްސީ އޮތީ ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެ 42 ޕޮއިންޓާއެކު އެވެ.

ގާޑިއޯލާ ބުނީ އެއްވަނައިގައި ލީޑު ފުޅާކުރި ނަމަވެސް އަދިވެސް ލީގު ސިޓީއަށް ލިބުނީކަމަށް ނިންމެން ނެތް ކަމަށާއި ޗެލްސީއާއި ލިވަޕޫލް ފަދަ ޓީމުތަކަށް އަދިވެސް ފުރުސަތު އޮތް ކަމަށެވެ.

މިއީ ޕްރިމިއަރ ލީގުގެ އިންޓަވިއުއެއްގައި ގާޑިއޯލާ ރާއްޖޭގެ ނަން ބޭނުންކުރި ދެވަނަ ފަހަރެވެ. ރާއްޖެއަށް އާންމުގޮތެއްގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ކޯޗު ދެން ރާއްޖޭގެ ނަން ކިޔާފައިވަނީ ވެސް ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އެއީ މިދިޔަ އަހަރުގެ ޖެނުއަރީގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. ނޫސްވެރިޔާ ކުރި ސުވާލަކީ ޔުނައިޓެޑަށް ކޯޗުކަން ކޮށްފާނެތޯއެވެ. ޖަވާބުގައި ގާޑިއޯލާ ބުނީ އެއަށްވުރެ ރާއްޖެ ޗުއްޓީ ހޭދަކުރި ނަމަވެސް މާ ރަނގަޅުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަލް

    މީނަ މަރުހަބާ ނުކިއަސް ބޭރުމީހުންގެ ރިސޯޓް ތަކަށް މީހުން އަންނާނެ އެވެ.

    16
    7
  2. ޕެޕު

    ދޮޅެއް ތީ. އާ ކުކުޅަކަށް ގާބިހެއް އެޅުނީމަ އުޅޭނީ ތިހެން

  3. ޑެނީ

    ކަލޭގެ ޓުވީޓު ފެނުންފަހުން ގާޑިއޯލާ ހަމަ ނިދި ނުލިބޭ

    11
    1
  4. ނޫސްކިޔާމީހެއް

    ކަނޑު ކޮހެއް.މަރު ކޮހެއް.

  5. ސަމާސާ

    ޓްވަރިޒަމް މިނިސްޓަރުގެ ޓްވީޓަށްލިބުނީ ފިނި ތަރުހީބެއް. 100 މީހުން ލައިކްދީފައެއްނުވޭ.
    މޓޕބ ގައިވެސް ތަންދޮރުނޭނގޭބަޔަކު ތިބީމަ މިފަދަ ކަމެއް ކުރަންވެސް ނޭނގުނު.

  6. Anonymous

    މިޤައުމު ޖަހާލަތުގެ ތެރެއަށް ވައްޓާނުލާ އިސްތިއުފާދޭންވީ. ހޯމް ޓްއަރިޒްމްކަމަށްބުނެ އޮރިޔާމުން އުޅޭމަންޒަރު ކުޑަކުދިންނަށް ފެނުން އެ ނުވޭތޯ ޢުމްރާ ނުގުޅޭކަންކަން ކުދިންނަށްދެއްކުން. އެނުވޭތޯ ޖިނާއީ ކުށަކަށް. ދޭތެރެއަކުން އިވޭނެ ކިޔަވާދޭ ޓީޗަރަކު ނުގުޅޭ ފޮޓޯ ނުވަތަ ވީޑިއޯ ދެއްކައިގެން ހައްޔަރުކޮށްފިއޭ ސަސްޕެންޑް ކޮށްފިއޭ ބުނާއަޑު. މިހާރު ބިކިނީގައި ލައިވްކޮށް ކުޑަކުދިންގެ ކުރިމަތީ އެވެރިން އުޅުނަސް އެ ގޯސްކަމަކަށް ނުވަނީތޯ. ސަރުކާރުން ކުރާހާ ކަމަކަށް އެއްބާރުލުން ދޭކަށްނުޖެހެ. ކޮބާތޯ މި ކައުންސިލަރުން ހޮވި ރައްޔިތުން.