ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މެސީ ކޮވިޑަށް ފައްސިވެފައިވާކަން އޭނާ މިހާރު ކުޅެމުން އަންނަ ޕީއެސްޖީން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ކުލަބުން ހާމަކުރާ ގޮތުގަައި މެސީ ހިމެނެނީ އެ ކުލަބުން ކޮވިޑަށް ފައްސިވި ހަތަރު ކުޅުންތެރިންގެ ތެރެއިންނެވެ.

މެސީއާއެކު ޕީއެސްޖީން ކޮވިޑަށް ފައްސިވި ކުޅުންތެރިންނަކީ ހުއާން ބެނާޓް، ސާޖިއޯ ރިކޯ އަދި ނޭތަން ބިޓުމަޒަލާ އެވެ. މި ހުރިހާ ކުޅުންތެރިން ކޮވިޑަށް ފައްސިވެފައިވަނީ ޗުއްޓީއަށްފަހު އެނބުރި މެޗުތައް ކުޅުމުގެ ކުރިން ހެދި ކޮވިޑުގެ ޓެސްޓުތަކުންނެވެ.

މެސީ ކޮވިޑަށް ފައްސިވުމާއި އެކު އަންނަ އަންގާރަ ދުވަހު ފްރެންޗް ކަޕުގައި ޕީއެސްޖީއާއި ވެން ބައްދަލުކުރާ މެޗުގައި މެސީއަށް ނުކުޅެވޭނެ އެވެ. އަދި ފްރެންޗް ލީގުގައި އަންނަ އާދީއްތަ ދުވަހު ލިޔޯން އާއި ދެކޮޅަށް ކުޅޭ މެޗުވެސް މެސީއަށް ގެއްލޭނެއެވެ.

މެސީއާއި އެކު މި މެޗުގައި ނޭމާއަށް ވެސް ނުކުޅެވެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. ހަތް ފަހަރު ބެލޮންޑޯ ހޯދާފައިވާ މެސީ ކޮވިޑަށް ފައްސިވިއިރު މިއީ މިހާތަނަށް މެސީ ކޮވިޑަށް ފައްސިވި ފުރަތަމަ ފަހަރެވެ. މި ސީޒަނުގައި ޕީޢެސްޖީއާއި ގުޅުމަށްފަހު ލީގުގައި މެސީ ކުޅުނު 11 މެޗުން އަދި މިހާތަނަށް ކާމިޔާބުކުރެވުނީ 1 ގޯލެވެ.

މި ހަފުތާގެ ތެރޭގައި ފްރާންސްގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު ދެ ލައްކައަށް ވުރެ ގިނަވެފައިވާއިރު ޕީއެސްޖީން ކޮވިޑަށް ފައްސިވި ކުޅުންތެރިން މިވަގުތު ތިބީ އައިސޮލޭޝަންގައި ކަމަށް އެ ކުލަބުން ހާމަކުރެއެވެ.