ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާާއި ލިވަޕޫލް މެޗު އެއްވަރުވެއްޖެ އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނުނީ ފުރަތަމަ ހާފުގައެވެ.

މި ނަތީޖާއާއެކު ތާވަލުގެ ދެވަނައިގައި ޗެލްސީ އޮތީ 21 މެޗުން 43 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ލިވަޕޫލް އޮތީ އެއް މެޗު މަދުން ކުޅެގެން 42 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ ދިހަ ޕޮއިންޓުގެ ފަރަގަކާއެކު 53 ޕޮއިންޓާއެކު އެކުގައެވެ.

ޗެލްސީން މި މެޗާއި ކުރިމަތިލީ އެޓީމުގެ ފޯވާޑް ލައިނުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ރޮމެލޫ ލުކާކޫ ނުލައެވެ. އެއީ ދާދިފަހުން ކުލަބާއި ކޯޗު ބަދުނާމުވާގޮތަށް އޭނާ ދިން އިންޓަވިއުއާއި ގުޅިގެން މެޗަށް އޭގެ އަސަރު ކޮށްފާނެތީކަމަށް ޓުޗެލް ބުންޏެވެ.

އަނެއްކޮޅުން ލިވަޕޫލްގެ މުހިއްމު ބައެއް ކުޅުންތެރިންވެސް މި މެޗުގައި ނުކުޅެއެވެ. އޭގެތެރޭގައި ކީޕަރު އެލިސަން، ޑިފެންޑަރު ޖޮއެލް މަޓިޕް، އަދި ފޯވާޑް ރޮބާޓޯ ފިރްމީނޯ ހުރީ އައިސޮލޭޝަންގައެވެ. އަދި ކޯޗު ޔާގެން ކްލޮޕް ވެސް ކޮވިޑުގެ ސަބަބުން މި މެޗުގައި ނުފެނެއެވެ.

ލިވަޕޫލުން މި މެޗުގައި ފުރަތަމަ ލީޑުނެގި ލަނޑު ކާމިޔާބުކުރީ ސަޑިއޯ މާނޭ އެވެ. މިއީ ޗެލްސީގެ ފަހަތުން ޑިފެންޑަރު ޗަލޮބާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު 26 ވަނަ މިނެޓުގައި ކާމިޔާބުކުރީ މުހައްމަދު ސަލާހެވެ. މިއީ މި ސީޒަނުގައި އޭނާގެ 16 ވަނަ ލަނޑެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮތް ނަމަވެސް ޗެލްސީން ދުލެއް ނުދިނެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް ވިހި ޔާޑު ދުރުން ފޮނުވާލި ބޯޅައަކުން ޗެެލްސީގެ މަޓެއޯ ކޮވަސިޗް ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އޭގެފަހުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ޗެލްސީން އެއްވަރުކުރި ލަނޑު ޖެހީ ކްރިސްޓިއަން ޕުލިސިޗް އެވެ.

ދެވަނަ ހާފުގައި ލިވަޕޫލަށް އަނެއްކާވެސް ލީޑުނަގާނެ ރަނުގެ ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް މުހައްމަދު ސަލާހު އޭރިއާ ބޭރުން ގޯލަށް ފޮނުވާލި ބޯޅަ ފާހަގަކޮށްލެވެއެވެ.