ސްޕެނިޝް ލީގުގައި ބާސެލޯނާ މިއަހަރު ކުޅުނު ފުރަތަމަ މެޗުގައި މަޔޯކާ އަތުން ރަށުންބޭރުގައި ހަނިގޮތަކަށް މޮޅުވެއްޖެ އެވެ.

މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނެތި ބާސެލޯނާ މި މެޗު ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސެލޯނާގެ ސްކޮޑުގައި ގިނައިން ތިބީ ޒުވާން ކުޅުންތެރިންނެވެ.

ބާސެލޯނާގެ ސީނިއާ ޓީމުގައި ހިމެނޭ ޖުމްލަ 17 ކުޅުންތެރިން މި މެޗުގެ ސްކޮޑުގައި ނުހިމެނެއެވެ. އެއީ ކޮވިޑް-19 ގެ އިތުރުން އަނިޔާގެ މައްސަލަތަކާއި ގުޅިގެންނެވެ. މީގެތެރޭގައި ފިލިޕް ކުޓީނިއޯ، ޑެނީ އަލްވޭސް، ޖޯޑީ އަލްބާ، ޑެމްބެލޭ، ގަވީ ފަދަ ކުޅުންތެރިން ހިމެނެއެވެ.

މަޔޯކާ އަތުން ހޯދި މި މޮޅާއެކު ބާސެލޯނާ ވަނީ ތާވަލުގެ ފަސްވަނަ މަގާމަށް ޖެހިލާފައެވެ. ބާސެލޯނާ ފަސްވަނައިގައި އޮތީ ކުޅުނު 19 މެޗުން ލިބުނު 31 ޕޮއިންޓާއެކު އެވެ. ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑު އޮތީ ކުޅުނު 20 މެޗުން 46 ޕޮއިންޓާއެކު އެވެ. ރެއާލް ވަނީ ރޭ ގެޓާފޭ އަތުން ބަލިވެ އެއްވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ނަގާލާފައެވެ.

ތާވަލުގެ ދެވަނައިގައި ސެވިއްޔާ އޮތީ ކުޅުނު 18 މެޗުން ލިބުނު 38 ޕޮއިންޓާއެކު އެވެ. ތާވަލުގެ ތިންވަނައިގައި އޮތް ރެއާލް ބެޓިސް ރޭ ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ސެލްޓަވިގޯ އަތުން ބަލިވެފައެވެ.

މެޗުގައި ބާސެލޯނާއަށް ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބުނެވެ. ބާސެލޯނާގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާާމިޔާބުކޮށްދިނީ މެޗުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި ޑި ޔޯން އެވެ.