އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ޗެލްސީގެ އަޒްޕިލިކުއެޓާ އަށް ލިވަޕޫލްގެ ސަޑިއޯ މާނޭ އުޅަބޮށިން ކުރި ފައުލަކީ ހަމަ ސީދާ ރަތެއް ދައްކަންޖެހޭ ކަމެއްކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޗެލްސީއާއި ލިވަޕޫލް 2-2 އިން އެއްވަރުވި މެޗުގައި މާނޭ މި ފައުލްކޮށްފައި ވަނީ މެޗު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައެވެ. އަޒްޕިލިކުއެޓާ އަށް މި ފައުލް ކޮށްފައިވަނީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އުޅަނބޮށިން ޖަހައިގެންނެވެ.

މި ހަމަލާއާއި ގުޅިގެން މެޗުގެ ރެފްރީ އެންތަނީ ޓޭލާ ފުއްދާލީ ރީނދޫ ކާޑަކުންނެވެ. މި ކާޑު ދެއްކުމާއެކު ޗެލްސީގެ ބެންޗުން ކެކިއަރައިގަތެވެ. އަދި ރަތްކާޑެއް ދެއްކުމަށް ވަރަށް ބޮޑަށް ގޮވާލިއެވެ. މެޗަށްފަހު ވެސް ޓުޗެލް އެންމެ ބޮޑަށް ގޮވާލީ އެކަމަށެވެ.

"އެއީ ހަމަ ރަތެއް، އަހަރެން ބަލާކަށް ބޭނުމެއް ނން އެއީ މެޗު ފަށައިގެން ފަސް ސިކުންތު ފަހުން ހިނގައިދިޔަ ކަމަކަށް ވިޔަސް، މާނޭ ފައުލުކުރީ ބޯޅައަށް ނުބަލާ، އޭނަ މަސައްކަތްކުރީ އުޅަނބޮށިން ޖެހުމަށް" ހިތްހަމަނުޖެހިފައި ހުރި ޓުޗެލް ބުންޏެވެ.

ޓުޗެލް ދެކޭގޮތުގައި މިފަދަ ނިންމުންތަކުގެ ސަބަބުން މެޗުގައި ކުޅޭ ކުޅުންތެރިންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.

މި ނަތީޖާއާއެކު ތާވަލުގެ ދެވަނައިގައި ޗެލްސީ އޮތީ 21 މެޗުން 43 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ލިވަޕޫލް އޮތީ އެއް މެޗު މަދުން ކުޅެގެން 42 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ ދިހަ ޕޮއިންޓުގެ ފަރަގަކާއެކު 53 ޕޮއިންޓާއެކު އެކުގައެވެ.

ޗެލްސީން މި މެޗާއި ކުރިމަތިލީ އެޓީމުގެ ފޯވާޑް ލައިނުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ރޮމެލޫ ލުކާކޫ ނުލައެވެ. އެއީ ދާދިފަހުން ކުލަބާއި ކޯޗު ބަދުނާމުވާގޮތަށް އޭނާ ދިން އިންޓަވިއުއާއި ގުޅިގެން މެޗަށް އޭގެ އަސަރު ކޮށްފާނެތީކަމަށް ޓުޗެލް ބުންޏެވެ.