ލެސްޓަ ސިޓީ އަށް ކުޅެމުން އައި އަލްޖީރިއާގެ ވިންގާ، ރިޔާދް މަހްރޭޒް މެންޗެސްޓަރ ސިޓީ އަށް ބަދަލުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ މަހްރޭޒް ސިޓީ އަށް ބަދަލުވީ 60 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއާއެކު މަހްރޭޒް ވެގެން ގޮސްފައިވަނީ ސިޓީގެ ތާރީހުގައި ވެސް އެ ކްލަބަށް މިހާތަނަށް އެންމެ ބޮޑު އަގެއްގައި ގެނައި ކުޅުންތެރިޔާ އަށެވެ.

ސިޓީ އަށް ބަދަލުވުމަށްފަހު މަހްރޭޒް ބުނީ މަތީ ފެންވަރުގެ ފުޓްބޯޅައިގައި ކުޅުމަކީ އަބަދުވެސް އޭނާގެ އަމާޒު ކަމަށާއި ސިޓީ އަށް ބަދަލުވެވުމަކީ އޭނާގެ ކެރިއަރުގައި ކުރިއަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"މަތީ ފެންވަރުގެ ފުޓްބޯޅައިގައި އަހަރެން ކުޅެމުން އަންނަތާ މިހާރު ތިން އަހަރުވެއްޖެ. ސިޓީ އަށް ބަދަލުވެ ވުމަކީ ކުރިއަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް. ސިޓީ އަށް ބަދަލުވެވުމުން އެކަމާ ވަރަށް އުފާވެއްޖެ. ދެން އޮތީ ރަނގަޅަށް ކުޅެ ޓީމަށް އެހީތެރިވެދިނުން" މަހްރޭޒް ބުންޏެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާގެ އިރުޝާދުގެ ދަށުން ކުޅެ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ސިޓީ އަށް އިތުރު ކާމިޔާބީތަކެއް ލިބޭނެކަމަށް ގަބޫލުކުރާ ކަމަށްވެސް މަހްރޭޒް ބުންޏެވެ. އަދި ގާޑިޔޯލާގެ އިރުޝާދާއެކު އޭނާގެ ކުޅުމަށް ވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް މަހްރޭޒް ބުންޏެވެ.

ލެސްޓާގައި ހޭދަކުރި މުއްދަތުގައި މަހްރޭޒް ވަނީ އެ ކްލަބަށް 179 މެޗު ކުޅެދީ 48 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.

ގިނަބަޔަކު ހައިރާންކޮށްލުމަށްފަހު ލެސްޓާ އިން ޕްރިމިއާ ލީގު ހޯދި ސީޒަނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން މަހްރޭޒް އަށް ވަނީ އިނގިރޭސި ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި އެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިގެން ގޮސްފައެވެ.

މަހްރޭޒް އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ސިޓީ އަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.