ވޯލްޑް ކަޕްގެ ސެމީފައިނަލްގައި މިރޭ ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅޭ މެޗަކީ މިހާތަނަށް އިންގްލޭންޑަށް މުބާރާތުގައި ކުރިމަތިވާ އެންމެ އުނދަގޫ އިމްތިހާނު ކަމަށް އެޓީމުގެ ކޯޗު ގެރެތް ސައުތްގޭޓް ބުނެފިއެވެ.

މުބާރާތުގެ ސެމީއަށް އިންގްލޭންޑް ދަތުރުކުރީ، ކުއާޓާފައިނަލްގައި ސްވިޑެންގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ. އަދި ކްރޮއޭޝިއާ ސެމީއަށް ދަތުރުކުރީ، ކުއާޓާފައިނަލްގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިޔާއާ ބައްދަލުކޮށް ޕެނަލްޓީގައި 3-4 އިން ކުރި ހޯދައިގެންނެވެ.

ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ކްރޮއޭޝިއާ ޓީމުގައި ތިބިއިރު ސައުތްގޭޓް ބުނީ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ވެސް އަދި ކުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު ވެސް ކްރޮއޭޝިއާ އަކީ މިހާތަނަށް މި މުބާރާތުގައި އިންގްލޭންޑުން ކުޅޭނެ އެންމެ ބަރާބަރު ޓީމު ކަމަށެވެ.

އަދި މިރޭގެ މެޗަކީ އިންގްލޭންޑަށް ތާރީހީ ކަމެއް ކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެއްކަން ސައުތްގޭޓް ފާހަގަކުރިއެވެ.

"މި މެޗަކީ އުނދަގޫ އަދި ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރުވެސް ތަފާތު ލެވެލްއެއްގެ މެޗެއް. މިފަދަ އުނދަގޫ އިމްތިހާނުތަކުން އަރައިގަތް ވަރަކަށް މުސްތަގުބަލުގައި އޭގެއިން ކުރާނެ ފައިދާ އަހަރުމެންނަށް ވަރަށް ބޮޑުވާނެ" ސައުތްގޭޓް ބުންޏެވެ.

މި މުބާރާތުގައި އިންގްލޭންޑުން މިހާތަނަށް ބޮޑެތި ކުރިއެރުންތަކަކާއި ގިނަ ރެކޯޑުތަކެއް ހޯދާފައިވާ ކަމަށާއި ބޭނުންވަނީ އަދިވެސް އިތުރަށް ކުރިއަށްދާން ކަމަށްވެސް ސައުތްގޭޓް ބުންޏެވެ. އަދި ޓީމުން މިފަހަރު މުބާރާތުގައި ކުރި މަސައްކަތަށް ބަލާއިރު މުސްތަގުބަލާއި މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށާއި ބޭނުންވަނީ މިހާރު ލިބިފައިވާ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ކަމަށްވެސް އޭނާ ބުންޏެވެ.

"މިއީ އަހަރުމެންނަށް ވަރަށް ހިތްގައިމު ދަތުރެއް. އަހަރުމެން ބޭނުންވަނީ މި ދަތުރު އަދިވެސް އިތުރަށް ކުރިއަށް ގެންދަން" ސައުތްގޭޓް ބުންޏެވެ.

މުބާރާތުގެ ސެމީގައި އިންގްލޭންޑް މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ނިކުންނައިރު، މިއީ 1990 ވަނަ އަހަރަށްފަހު އެޓީމު މުބާރާތުގެ ސެމީގައި ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11 ޖަހާއިރުއެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލްގައި ބައްދަލުކުރާނީ ފްރާންސްއާއެވެ.

ކިޔުންތެރިންގެ ހިޔާލު