މެޗުގެ ފަހުކޮޅު ޖެހި ލަނޑާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ވުލްވަހެމްޓަން އަތުން 1-0 އިން ބަލިވެއްޖެ އެވެ.

މިއީ ޔުނައިޓެޑުގެ އާ ކޯޗުކަމާއި ރަލްފް ރަންގްނިޗް ހަވާލުވިފަހުން ޔުނައިޓެޑު ބަލިވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން މިއީ 1980 ގެ ފަހުން ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ވުލްވްސް އަތުން ބަލިވި ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑާއި ވުލްވްސް ކުޅުނު މެޗުގެ ތެރެއިން

މި މޮޅާއެކު ވުލްވްސް ވަނީ 19 މެޗުން ލިބުނު 28 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައަށް ޖެހިލާފައެވެ. އެ ޓީމާއި ޖެހިގެން ހަތްވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.

އެއީ 19 މެޗުން ލިބުނު 31 ޕޮއިންޓާއެކުގައެވެ. ތާވަލުގެ އެއްވަނައިގައި ދެ މެޗު އިތުރަށް ކުޅެގެން އޮތް މެންޗެސްޓަރ ސިޓީއާއި ޔުނައިޓެޑާއި ދެމެދު 22 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މެންޗެސްޓަރ ސިޓީ އެއްވަނައިގައި އޮތީ 21 މެޗުން 53 ޕޮއިންޓާއެކު އެވެ. ދިހަ ޕޮއިންޓުގެ ފަރަގަކާއެކު ދެވަނައިގައި އޮތީ ޗެލްސީއެވެ.

ބަލިވުމުން ކްރިސްޓިއާނޯ ރޮނާލްޑޯ މާޔޫސްވެފައި

ޔުނައިޓެޑުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ފެށީ ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު އެވެ. މިއީ ޔުނައިޓެޑަށް ބަދަލުވިފަހުން ރޮނާލްޑޯ ޔުނައިޓެޑުގެ ކެޕްޓަން ބޭންޑު އެޅި ދެވަނަ މެޗެވެ. މީގެއިތުރުން ދެ އަހަރަށްފަހު ޔުނައިޓެޑުގެ ޑިފެންޑަރ ފިލް ޖޯންސް ވަނީ މި މެޗުގައި ކުޅެފައެވެ.

މި މެޗުގައި ވުލްވްސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މޮޓީނިއޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 8 މިނެޓަށްވެފައި ވަނިކޮށެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީގެ ފަހުން އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

 

 

ކިޔުންތެރިންގެ ހިޔާލު