ފާއިތުވެ ދިޔެ 2 ހަފްތާ ވަންދެން ތައިލޭންޑުގެ ފުޓުބޯޅަ ޓީމެއް ހޮހޮޅައެއްގައި ތާށިވެ، އިއްޔެ ހުރިހާ ކުޅުންތެރިން އަދި ކޯޗު ރަނގަޅު ހާލަތުގައި ސަލާމަތް ކޮށްފައިވާއިރު މެންޗެސްޓާރ ޔުނައިޓެޑުން ވަނީ އެޓީމު އޯލްޑް ޓްރެފޯޑަށް އައުމަށް ދައުވަތު ދީފައެވެ.

12 ކުޅުންތެރިންނާއި، މި ކުޅުންތެރިންގެ ކޯޗު ހޮހޮޅައިގައި ތާށި ވީ އެތެރޭގައި ތިއްބާ ވާރޭ ވެހެން ފެށުމާއި އެކު ފެން ބޮޑުވެ ހޮހޮޅަ އަށް ވަންނަ ދޮރު ބަންދު ވުމާއި ގުޅިގެންނެވެ. 2 ހަފްތާ ވަންދެން ތާށި ވެފައި ތިބި އިރު މިކުޅުންތެރިން ސަލާމަތް ކުރުމުގައި ތައިލޭންޑުގެ ނޭވީ ސީލް އެއް ކަމަށްވާ ސަމަން ގުނާން ވަނީ ނިޔާވެފައެވެ.

މީގެ އިތުރުން އިންގްލޭންޑުގެ ކްލަބު މެންޗެސްޓާރ ޔުނައިޓެޑުން ވަނީ ސަލާމަތްވި 12 ކުޅުންތެރިންގެ އިތުރުން ކޯޗު އަދި ބާކީ ތިބި ކުޅުންތެރިންނަށް ކުރިޔަށް އޮތް ސީޒަނުގައި އޯލްޑް ޓްރެފޯޑުގައި މެޗެއް ބަލަން ދިޔުމަށް ދައުވަތު ދީފައެވެ. ސޯޝަލް މީޑިއާގައި މެންޗެސްޓާރ ޔުނައިޓެޑުގެ އެކައުންޓުން ޖަހާފައިވާ ޕޯސްޓުގައި ބުނެފައި ވަނީ، ހޮހޮޅައިގައި ތާށިވި 12 ކުޅުންތެރިންނާއި ކޯޗު ސަލާމަތް ވުމުން މެންޗެސްޓާރ ޔުނައިޓެޑުގެ މުޅި ޓީމް ވަރަށް އުފާވި ކަމަށެވެ.

ހޮހޮޅައިގައި ތިބި ކުޅުންތެރިން އަދި ކޯޗު ސަލާމަތް ކުރަން ފެށި ރެސްކިއު މިޝަން އަށް ބޭރުގެ މީޑިއާ ތަކުން ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ދިނެވެ. ހަމަ އެހެންމެ ފީފާ އިން ވަނީ ތައިލޭންޑުގެ މި ކްލަބުގެ ކުޅުންތެރިން ފީފާ ވޯލްޑް ކަޕުގެ ފައިނަލް ބަލަން ރަޝިޔާ އަށް ދައުވަތު ދީފައެވެ. ނަމަވެސް އަދި، ޑޮކްޓަރުން ބުނާގޮތުގައި ފައިނަލް މެޗު ބަލަން ދެވޭ ވަރަށް އެއްވެސް ކުއްޖެއްގެ ހާލަތު ރަނގަޅެއް ނޫނެވެ.