ޒުވާން ޓީމުން ރާއްޖެ ފަޚުރުވެރިވާ ފަދަ ކުޅުމެއްދައްކައި ކާމިޔާބް ހޯދުމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އެދިވަޑައިގެންފިއެވެ.

މިމަހުގެ 21 އިން 28 އަށް ބަޚުރައިންގެ މަނަމާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން މެންސް އަންޑަރ 20 މުބާރާތުގައި ކުޅޭ ވޮލީޓީމްއިއުލާނުކޮށް، ޒުވާން ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން އަންގާރަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒު ސެމިނާރ ރޫމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ މި މުބާރާތުގައި ރާއްޖެ ފަޚުރުވެރިވާ ފަދަ ކުޅުމެއްދައްކައި ކާމިޔާބް ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

އަދި މިފަދަ ޒުވާން ޓީމެއް ޤައުމު ތަމްސީލު ކުރަންދާއިރު ޒުވާން ޖޯޝާއި ފޯރީގައި ކުޅެ ރަނގަޅު ނަތީޖާއަކާއި ހަމަޔަށް ވާސިލް ވުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި ރައީސް ޔާމީން އަށް ޝުކުރު އަދާކުރައްވާފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި، މި ޒުވާން ޓީމަކީ އުންމީދުތަކެއް އޮތް މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށެވެ. މި ޓީމުގައި ހުނަރުގެ ގޮތުންނާއި، އިސްކޮޅުގެ ގޮތުން ދިގު މޮޅެތި ކުޅުންތެރިން ތަކެއް ތިބިކަމަށާއި މި ކުޅުންތެރިންނަށް ބޭނުންވަނީ ކޯޗުންގެ އިރުޝާދާއި ރަގަނޅު ތަމްރީން ކަމުގައި ލަތީފް ފާހަގަކުރެއްވިއެވެ. މި ތަމްރީނާއި ތަޖުރިބާ ދިނުމުގައި ވޮލީ ޓީމުގެ ކޯޗާއި މެނޭޖަރު އަދި ޓީމުގެ އޮފިޝަލުންގެ ފަރާތުން ލިބެމުންދާ އެއްބަރުލުމަށް ލަތީފްވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޒުވާން ޓީމަށް ހިއްވަރު ދިނުމުގެ ގޮތުން ވާހަކަ ދައްކަވަމުން ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވީ ޤައުމު ތަމްސީލް ކުރުމަކީ ވަރަށްވެސް ބޮޑު ޝަރަފެއް ކަމަށެވެ. އެއީ ކޮންމެ އުމުރެއްގެ ކޮންމެ މީހެއް ކަމަށްވިޔަސް ޤައުމު ތަމްސީލް ކުރަން ލިބޭ ފުރުސަތު ތަކުގައި ކާމިޔާބް ހޯދުމުގެ ވިސްނުން ނޫން ވިސްނުމެއް ގެންގުޅެގެން ނުވާނެކަމުގައި އިބްރާހިމް އިސްލާއިލް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ވޮލީ ތަރައްގީކޮށް ފުޅާކުރުމަށް ޒުވާންޓީމުތައް ހެދި ބޭރުގެ ތަމްރީނާއި ތަޖުރިބާއާއި މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ލިބޭކަމީ ވޮލީއަށް ލޯބިކުރާ ފަރާތްތަކަށް އޮތް ނުހަނު ބޮޑު ހިތްހަމަ ޖެހުމެއް ކަމުގައިވެސް އިބްރާހިމް އިސްމާއިލް ފާހަގަކުރެއްވިއެވެ.

ރޭގެ ހަފްލާގައި ޓީމުގައި ހިމެނޭ 12 ކުޅުންތެރިންނާއި، 4 އޮފިޝަލުން ވަނީ އިއުލާންކޮށް، ސެޓްފިކެޓް ދީފައެވެ. ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި މުހައްމަދު މިމްރާހް ހަމަޖައްސާފައިވާއިރު، ޓީމުގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗް އިބްރާހިމް ޖަލީލްއެވެ.