ފީފާ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ބެލްޖިއަމް އާއި ކުޅެ، 0-1 ގެ ނަތީޖާ އަކުން މޮޅު ވުމަށް ފަހު މުބާރާތުގެ ފައިނަލަށް ފްރާންސް ދަތުރު ކުރި އިރު އެމްބާޕޭ ބޭނުންވަނީ ބެލޮންޑިއޯރ އަށް ވުރެ ބޮޑަށް ވޯލްޑް ކަޕު ކާމިޔާބު ކުރުމަށެވެ.

އަމިއްލަ ކާމިޔާބީ އަށް ވުރެ ބޮޑަށް ފްރާންސް ގައުމީ ޓީމަށް ލިބޭ ކާމިޔާބު މުހިންމު ކަމަށް އެމްބާޕޭ ބުނި އިރު ވޯލްޑް ކަޕު ފައިނަލާއި ހަމައަށް ފްރާންސް ދަތުރު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި އެއް ކުޅުންތެރިޔަކީ އެމްބާޕޭ ކަމާއި މެދު ޝައްކެއް ނެތެވެ.

ބެލްޖިއަމް އާއި ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި އެމްބާޕޭ ވަނީ ވަރަށް މޮޅަށް ފައިގެ ފުންނާބުން އޮލިވާރ ޖިރޫއަށް ޕާހެއް ދީ، ލަނޑެއް ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފައެވެ. ނަމަވެސް ޖިރޫ ފޮނުވާލި މި ހަމަލާ ބެލްޖިއަމްގެ ކީޕަރު ތިބާ ކޯޓުއާ ވަނީ ދިފާއު ކޮށްފައެވެ.

އެމްބާޕޭ ފްރާންސް އަށް ކުޅެދޭ މޮޅު ކުޅުމުގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕުގެ ރަން ބޯޅަ އޭނާ އަށް ލިބުމަކީ އެކަށީގެން ވާކަމެކެވެ. ހަމަ އެހެންމެ 1998 ވަނަ އަހަރު އަމިއްލަ ފަސްގަނޑުގައި މުބާރާތް ކާމިޔާބު ކުރިފަހުން މިހާތަނަށް ފްރާންސް އަށް ވޯލްޑް ކަޕު ކާމިޔާބު ވެވިފައި ނުވެއެވެ.

"ވޯލްޑް ކަޕު ކާމިޔާބު ކުރުމަކީ ހަޔާތުގެ އެންމެ ބޮޑު ހުވަފެން، އެއީ ކުރިޔަށް އޮތް ތަނުގައި ވެސް ދެކޭނެ ހުވަފެން، އަހަންނަކީ ބޮޑު ހުވަފެން ބަލާ މީހެއް ނަމަވެސް ވޯލްޑް ކަޕު ފައިނަލުގައި ކުޅުމަކީ އަހަރެން ހިތައް އެރި ކަމެއް ނޫން، ހުވަފެނެއް. އަހަރެން ބެލޮންޑިއޯރ އާއި މެދު އަޅައެއް ނުލަން، އަހަރެން ބޭނުމީ ވޯލްޑް ކަޕު ތަށި ކާމިޔާބު ކުރަން" އެމްބާޕޭ ދިން އިންޓަވިއު އެއްގައި ބުންޏެވެ.