ދުނިޔޭގެ މައްޝޫރު ފުޓުބޯޅަ ތަރިން އަދި އެހެނިހެން މީހުންގެ ތައުރީފު ތައި ނޭވީ ސީލް އަދި ޓީމަށް އެކި ޝުއޫރު ފާޅު ކުރަމުން ދާއިރު، މިހާރުގެ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ދެ ތަރިން ބަހެއް ލިބިފައި ނުވެއެވެ.

މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ތައިލެންޑުގެ އުތުރުގެ ޝިއަންގ ރާއީ ސަރަޙައްދުގައި ހުންނަ ތަމް ލުއަންގ ހޮހޮޅައިގައި ތާށިވި "ވައިލްޑް ބޯރ" ސޮކަރ ޓީމް ސަލާމަތް ވުމުން އެކި ފަރާތް ތަކުން ޝުއޫރު ފާޅު ކުރަމުން ގެންދާއިރު މެސީ އަދި ރޮނާލްޑޯގެ ބަހެއް ލިބިފައެއް ނެތެވެ.

މިހެން ކަމުން ފީފާގެ ރައީސް ގިއާނީ އިންފަންޓީނޯ ވަނީ ހޮހޮޅައިގައި ތާށިވި 12 ކުޅުންތެރިންނާއި އެކުދިންގެ ކޯޗު، މިމަހުގެ 15 ވަނަ ދުވަހު މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕު ފައިނަލު ބަލަން ދައުވަތު ދީފައެވެ. އިންފަންޓީނޯ ވިދާޅުވީ، ތައި ކޭވް ރެސްކިއުގެ ހަބަރު ވަރަށް ގާތުން އަޑު އަހަމުން އަންނަ ކަމަށެވެ. މީގެ އިތުރުން އިންފަންޓީނޯ ވަނީ ހޮހޮޅައިގައި ތާށިވި ކުޅުންތެރިންނާއި ކޯޗުގެ އާއިލާ އަށް އޭނާގެ ޝުއޫރު ފާޅުކޮށްފައެވެ.

https://www.facebook.com/FootballAssociationOfThailand/photos/a.1657463921185409.1073741829.1656982554566879/2035667486698382/?type=3&theater

ހަމަ އެހެންމެ ރޭ ފީފާ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ބެލްޖިއަމް އަދި ފްރާންސް ބައްދަލު ކުރި މެޗު، 0-1ގެ ނަތީޖާ އިން ފްރާންސް ކާމިޔާބު ކޮށް މުބާރާތުގެ ފައިނަލަށް ދަތުރު ކުރިއިރު އެޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާ ވަނީ ރޭގެ މެޗުން ވީ މޮޅު، ހޮހޮޅައިގައި ތާށިވި ކުޅުންތެރިންނާއި ކޯޗަށް ހާއްސަ ކޮށްފައެވެ.

މެޗަށްފަހު ޕޮގްބާ ކުރި ޓްވީޓެއްގައި ބުނީ މި މޮޅު ހާއްސަކުރާނީ ހޮހޮޅައިގައި ތާށިވެފައި ތިއްބާ ސަލާމަތްވި 12 ކުދިންނަށް ކަމަށާއި އިއްޔެގެ ހަގީގީ "ހީރޯ" އިންނަކީ އެ ކުދިން ކަމަށެވެ. އަދި އެ ކުދިންގެ ކުރި ހިތްވަރަށް ވެސް ޕޮގްބާ ވަނީ ތައުރީފުކޮށްފައެވެ.

ޕޮގްބާގެ އިތުރުން އިންގްލޭންޑުގެ ކައިލް ވޯކާ ވެސް ވަނީ ހޮހޮޅައިގައި ތާށިވި ކުޅުންތެރިންނާއި ކޯޗަށް އޭނާގެ ޝުއޫރު ފާޅު ކޮށްފައެވެ. އިންގްލޭންޑުގެ ފުލް ބެކަށް ކުޅޭ ކައިލް ވޯކާ ކުރި ޓްވީޓުގައި ބުނެފައި ވަނީ، ހޮހޮޅައިގައި ތާށިވި ކުޅުންތެރިންނާއި ކޯޗު ސަލާމަތްވި ކަމަށް އޭނާ ޝުކުރުވެރި ވާކަމަށާއި އިންގްލޭންޑު ގައުމީ ޓީމު ޖާޒީ އެ ކުޅުންތެރިންނަށާއި ކޯޗަށް ފޮނުވަން ބޭނުން ކަމަށެވެ. ޖާޒީ ފޮނުވަން އެކުދިންގެ އެޑްރެސް ހޯދަ ދިނުމަށް ވެސް އޭނާ އެދިފައި ވެއެވެ.

ބޮޑު ކްލަބު ތަކަށް ބަލާއިރު މެންޗެސްޓާރ ޔުނައިޓެޑުން ވެސް ވަނީ މިކަމާއި ގުޅޭ ގޮތުން ޓްވީޓު ކޮށްފައެވެ. މެންޗެސްޓާރ ޔުނައިޓެޑުން ވަނީ ހޮހޮޅައިގައި ތާށިވި ކުޅުންތެރިންނާއި ކޯޗު، މިއަނަން ސީޒަނުގައި އޯލްޑް ޓްރެފޯޑަށް އައުމަށް ދައުވަތު އަރުވާފައެވެ. ސޯޝަލް މީޑިއާގައި މެންޗެސްޓާރ ޔުނައިޓެޑުގެ އެކައުންޓުން ޖަހާފައިވާ ޕޯސްޓުގައި ބުނެފައި ވަނީ، ހޮހޮޅައިގައި ތާށިވި 12 ކުޅުންތެރިންނާއި ކޯޗު ސަލާމަތް ވުމުން މެންޗެސްޓާރ ޔުނައިޓެޑުގެ މުޅި ޓީމް ވަރަށް އުފާވި ކަމަށެވެ.

ދުނިޔޭގައި މިކަހަލަ ބޮޑު ކަމެއް ފުޓުބޯޅަ ޓީމަކަށް ދިމާވުމުން، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ ތަރިން ރޮނާލްޑޯ އާއި މެސީ އަޅާ ނުލާކަން ފާހަނގަ ކުރެވެއެވެ. ގިނަ ބައެއްގެ ހިތް އަތުލައިގެންފައިވާ މެސީ އާއި ރޮނާލްޑޯ އަކީ ކުޅުމުގެ އިތުރުން ދަނޑުން ބޭރުގައި ހިނގާ ބޮޑެތި ހާދިސާ ތަކާއި ދިމާވާ ބޮޑު މައްސަލަ ތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކާ ކުޅުންތެރިންނެވެ. ނަމަވެސް މިފަހަރު ތައިލޭނޑުގައި މި ދިމާވި ހާދިސާ އާއި ބެހޭގޮތުން ދެކުޅުންތެރިންގެ ތެރެއިން އެކަކުވެސް އެއްޗެކޭ ބުނެފައި ނުވެއެވެ.

ހޮހޮޅައިގައި ތާށިވި ކުޅުންތެރިން އަދި ކޯޗު ސަލާމަތް ކުރުމުގައި ޖުމުލަ 1000 ޚިދުމަތްތެރިންނާއި 90 ޑައިވަރުން ހަރަކާތްތެރިވެފައިވެއެވެ. 1000 ޚިދުމަތްތެރިންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ އެހީތެރިން އަދި ތަރުޖަމާނުންނާއި ކައްކާއިން އަދި ޑްރައިވަރުންވެސް ހިމެނެއެވެ. މިއީ މިހާތަނަށް ދުނިޔޭގެ ތާރީޚުގައިވެސް ކުރިއަށް ގެންގޮސްފައިވާ އެންމެ ނުރައްކާތެރި އެއް ރެސްކިއު އޮޕަރޭޝަން ކަން ގިނަ ބަޔަކު އަންނަނީ ފާހަނގަ ކުރަމުންނެވެ.