އިންޑިއާގެ ޒުވާނުން ބާރުވެރިކޮށް ފުޓުބޯޅައަށް ޝައުގު އުފެއްދުމުގެ މަގުސަދުގައި ގޯއާގައި ބެހެއްޓި ކްރިސްޓިއާނޯ ރޮނާާލްޑޯގެ މޮނިއުމަންޓްގެ ސިފަ ހުތުރުވުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

މި މޮނިއުމަންޓް ބަހައްޓާފައިވަނީ އިންޑިއާގެ ގޯއާގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދެއްގައެވެ. މިއީ ގޯއާއަށް ނިސްބަތްވާ ސަރުކާރުގެ އޮފިޝަލުން ބެހެއްޓި އެއްޗެކެވެ.

ގޯއާގެ އޮފޝަލުން މި މޮނިއުމަންޓް ބެހެއްޓީ އެ ގައުމުގެ ޒުވާނުންނަށް ފުޓުބޯޅައިން ކުރިޔަށްދިއުމަށް ދޭ ހިތްވަރެއްގެ ގޮތުގައެވެ. ގޯއާ އަކީ އިންޑިއާގެ ފުޓުބޯޅައިގައި ބޮޑު ފޯރިއެއް އޮތް ސަރަހައްދެކެވެ.
ނަމަވެސް މި މޮނިއުމަންޓް ގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސިފަޔަށް ހުތުރު އަރުވާފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި މި މޮނިއުމަންޓް ކްރިސްޓިއާނޯ ރޮނާލްޑޯއާއި އެއްވެސް ވަރަކަށް ވައްތަރު ނޫންކަމަށް ވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
މި މޮނިއުމަންޓް އާއި ގުޅިގެން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ ރަތަށް އަރާފައެވެ. ހާއްސަކޮށް އިންޑިއާގައި ތިބި ރޮނާލްޑޯގެ ސަޕޯޓަރުން ވަނީ އެ މޮނިއުމަންޓް ނެގުމަށް ގޮވާލާފައެވެ. އަދި މިއީ ރޮނާލްޑޯއަށް ކުރި ފުރައްސާރައެއްގެ ގޮތުގައި އެ ސަޕޯޓަރުން ގަބޫލުކުރެއެވެ.

އިންޑިއާގެ ސިޔާސީ ފިކުރުގެ މީހުން ގަބޫލުކުރާ ގޮތުގައި މިއީ ގޯއާގެ މާޒީގައި ޕޯޗުގީޒުންގެ އަޅުވެތިކަމުގައި އިންޑިއާ 1961 ގެ ކުރިން އުޅުނު ދުވަސްވަރުގެ ހަނދާންތައް އާކޮށްދޭ ކަމެއް ކަމަށެވެ. އަދި ރޮނާލްޑޯގެ ބަދަލުގައި އިންޑިއާގެ ފުޓުބޯޅަ ތަރިއެއްގެ މޮނިއުމަންޓް އެއް ބެހެއްޓުނު ނަމަ ރަނގަޅުވީސް ކަމަށްވެސް ބުނެއެވެ.

ގޯއާގެ މިނިސްޓަރ މައިކަލް ލޯބޯ ވިދާޅުވީ މިއީ އިންޑިއާގެ ތާރީހުގައި ވެސް ކްރިސްޓިއާނޯ ރޮނާލްޑޯގެ މޮނިއުމަންޓް އެއް ބެހެއްޓި ފުރަތަމަ ފަހަރު ކަމަށާއި މިއީ ޒުވާނުން ބާރުވެރިކުރުވަން ކުރި ކަމެއް ކަމަށެވެ.

"އަހަރެން ބޭނުން އިންޑިއާގެ ފުޓުބޯޅަ އެހެން ހިސާބަކަށް ގެންދަން، މި މޮނިއުމަންޓް އާއެކު ސެލްފީ އާއި ފޮޓޯތައް ނަގާ ޒުވާނުންގެ ތެރޭގައި ވައިރަލްވެގެން ޒުވާނުންނަަަށް މި މޮނިއުމަންޓްގެ ސަބަބުން ކެރިއަރެއް ބިލްޑްކުރުމަކީ އަހަރެންގެ އެންމެ ބޮޑު އުއްމީދު" ގޯއާގެ މިިނިސްޓަރ ބުންޏެވެ.

މިކަމާއި ދެކޮޅަށް އަޑުއުފުލާ އެންމެ ބޮޑު އެކަކަކީ ގޯއާގެ ކަލަންގޫޓޭ ސްޓޭޓުގެ ރައީސް ޕްރަމަނަންދް ދިވްކާރު އެވެ. އޭނާ ދެކޭގޮތުގައި ރޮނާލްޑޯއަށް ވުރެ ގޯއާގެ ފުޓުބޯޅަ ލެޖެންޑެއްގެ މޮނިއުމެންޓް އެއް ބެހެއްޓުން މާ ރަނގަޅު ކަމަށެވެ.

"މިތަނުގައި އެބަތިބި ވަރުގަދަ ފުޓުބޯޅަ ކުޅުންތެރިން ކުޅެފައި، މިސާލަކަށް ބްރޫނޯ ކުޓީނިއޯ ނޫނީ ޔޮލާންޑޯ ޑި ސައުޒާ، މުޅި ގައުމު ތަމްސީލުކޮށް މުޅި ގައުމަށް ފަހުރުވެރިކަން ގެނެސްދިން ކުޅުންތެރިން މިއީ، ކީއްވެ މި ކުޅުންތެރިންގެ މޮނިއުމެންޓް އެއް ނުބެހެއްޓުނީ؟ " ހިތްހަމަނުޖެހުން ފާޅުކުރަމުން ޕްރަމަނަންދް ވިދާޅުވިއެވެ.

ރޮނާލްޑޯގެ މޮނިއުމެންޓް އެއް ބަހައްޓައިގެން މިހާ މައްސަލަ ބޮޑުވި ފުރަތަމަ ފަހަރެއް ނޫނެވެ. 2017 ވަނަ އަހަރުގައި ވެސް ރޮނާލްޑޯގެ މޮނިއުމެންޓް އެއް ބަހައްޓައިގެން މައްސަލަ ޖެހުނެވެ.

ރޮނާލްޑޯ އުފަންވި މެޑެއިރާގެ އެއާޕޯޓުގައި ބެހެއްޓި މި ބުދުގެ ބައްޓަމުގެ ސަބަބުން ބޮޑެތި ފާޑުކިޔުމެއް އަމާޒުވިއެވެ. ނަމަވެސް ފަހުން އެ މޮނިއުމެންޓް ވަނީ ބަދަލުކޮށްފައެވެ.