ޖަރުމަންގެ މިޑްފީލްޑަރ މެސުޓު އޮޒިލް އެގައުމުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި ކަމުގައި ޖަރުމަންގެ ރިޕޯޓްތަށް ބުނަން ފަށައިފިއެވެ

އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ ޖަރުމަންގެ ކުރީގެ ބަތަލު ލޮތާ މެތައުސް އޮޒިލްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ދަނޑިވަޅެއްގައެެވެ. އެގޮތުން މެކްސިކޯ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވުމަށްފަހު އޮޒިލްއަށް ފާޑުކިޔަމުން މެތައުސް ބުނެފައިވަނީ އޮޒިލް އަކީ ޖަރުމަނުގެ ޓީމުގެ ނަމެއް ނޫންކަމަށެވެ. އަދި، އޭނާއާއި އެޖާޒީ ނުގުޅޭކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން، އޮޒިލް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންއާއެކު އޮޒިލް ފޮޓޯ ނެގުމުން ޖަރުމަންގެ އެތަށް ބަޔަކު ވަނީ އޮޒިލްއަށް ނުހުރުން ފާޅުކޮށްފައެވެ.

އޮޒިލްއަށް ޖަރުމަންގެ ގިނަ ސަޕޯޓަރުންނާއި ޖަރުމަންގެ ކުރީގެ ކުޅުންތެރިންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު މީގެ ކުރިން އޮޒިލްގެ ބައްޕަ ވަނީ އޮޒިލްގެ ކިބައިން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް އެދިފައެވެ.

އިނގިރޭސިވިލާތުގެ އާސެނަލްއަށް ކުޅެމުން އަންނަ އުމުރުން 29 އަހަރުގެ އޮޒިލް އަކީ މީގެ ކުރިން ރެއާލް މެޑްރިޑް ފަދަ ދުނިޔޭގެ ބޮޑެތި ކުލަބުތަކަށް ކުޅެދީފައިވާ ކުޅުންތެރިއެކެވެ.

ސާލްކޭ4 އިން ކުލަބު ކެރިއަރު ފެށި އޮޒިލްވަނީ ކުލަބު ފެންވަރުގައި 502 މެޗު ކުޅެދީ 82 ގޯލު ކާމިޔާބުކޮށްފައެވެ.

އޮޒިލްގެ ވިދުން އެންމެ ގަދަވެގެންދިޔައީ 2011 އިން 2014 ވަނަ އަހަރުގެ ނިޔަލަށް އޭނާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރުގައެވެ. އެގޮތުން އޮޒިލްވަނީ ރެއާލްއަށް ކުޅެދިން 159 މެޗުގައި 27 ގޯލު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން އާސެނަލްއަށް ބަދަލުވުމަށް ފަހު އޭނާ އަންނަނީ އާސެނަލްގައިވެސް ތަފާތު މޮޅު ކުޅުމެއް ކުޅެމުންނެވެ. އެގޮތުން އާސެނަލްއަށް ކުޅެދިން 196 މެޗުގައި އޭނާ ވަނީ 37 ގޯލު ކާމިޔާބުކޮށްފައެވެ.

2014 ވަނަ އަހަރު ޖަރުމަންއާއި އެކު ވޯލްޑްކަޕްގެ ތަށިވެސް އުފުލާލައިފައިވާ އޮޒިލް ހުނަރުގެ ގޮތުންވެސް މޮޅު ކުޅުންތެރިއެކެވެ.