އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވަރުގަދަ މިސްރު ބަލިކޮށް ނައިޖީރިއާ އިން ފެށުން ރަނގަޅުކުރި އިރު އެންމެފަހުގެ ޗެމްޕިއަން އަލްޖީރިއާ އެއްވަރުވެއްޖެ އެވެ.

ނައިޖީރިއާ އިން ވަރުގަދަ މިސްރު ބަލިކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި އަލްޖީރިއާ ލަނޑެއް ނުޖެހި އެއްވަރުވީ ސިއެރަ ލިއޯން އަތުންނެވެ.

މުބާރާތުގެ އެންމެ ފެވަރިޓު އަދި އެންމެ ކާމިޔާބު އެ ޓީމު އަތުން ނައިޖީރިއާ މޮޅުވި މެޗުގައި މިސްރުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުން ނަައިޖީރިއާ މޮޅުވި ހަމައެކަނި ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލެސްޓާއަށް ކުޅެމުން އަންނަ ކެލެޗީ އެވެ.

މެޗުގައި ނައިޖީރިއާ އިން ވަނީ މިސްރުގެ ތަރި މުހައްމަދު ސަލާހް ވަރަށް ރަނގަޅަށް ހިފަހައްޓާފައެވެ. އޭނާ މާކުކޮށްގެން ގިނަ ކުޅުންތެރިންތަކެއް ކުޅުނެވެ. އަދި މިސްރުގެ ހަމަލާތައް ހުއްޓުވުމުގައި ނައިޖީރިއާ ފެނުނީ ވަރަށް ހުށިޔާރުކޮށެވެ.

މުބާރާތުގައި މިސްރު ހިމެނެނީ ގްރޫޕް ޑީ ގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ސޫދާން އާއި ގިނީ ބިސާއު މިރޭ ބައްދަލުކުރާނެ އެވެ.

ސިއެރަ ލިއޯން އިން އެންމެފަހުގެ ޗެމްޕިއަން އަލްޖީރިއާ ހުއްޓުވި މެޗުގައި ބަތަލަކީ އެ ޓީމުގެ ކީޕަރު މުހައްމަދު ކަމާރާ އެވެ. އަލްޖިރިއާގެ ގިނަ ހަމަލާތަކެއް އޭނާ ވަނީ ހުއްޓުވާފައެވެ.

މިއީ ސިއެރަ ލިއޯން އަށް ތާރީހީ ނަތީޖާއެކެވެ. އެންމެފަހުން އެ ޓީމު އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކޮށްފައިވަނީ 1996 ގައެވެ. އޭގެފަހުން ހަނގުރާމައިގެ ކަޅު ވިލާގަނޑުގެ ދަށުގައި ގިނަ އަހަރުތަކެއް ވަންދެން ހޭދަކުރި އެވެ.