އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މާލީ އާއި ޓިއުނީޝިއާ ބައްދަލުކުރި މެޗުގެ 90 މިނެޓު ހަމަނުވަނީސް ރެފްރީ މެޗު ނިންމާލި މައްސަލަ ހޫނުވެއްޖެ އެވެ.

މި މެޗުގެ 90 މިނެޓު ހަމަވާން ބާކީ ވަގުތު އޮތްއިރު، އެވަގުތު 1-0 އިން ލީޑުގައި އޮތީ މާލީ އެވެ. މެޗުގެ ރެފްރީ ޒެމްބިއާގެ ޖެނީ ސިކާޒްވޭގެ ފަރާތުން މި މެޗުގައި ގޯސް ގިނަ ނިންމުންތަކެއް ފެުނނެވެ.

މާލީ އިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނުނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އެވެ. މިއީ ޓިއުނީޝީއާގެ ޝްކީރީ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ލިބުނު ޕެނަލްޓީއެއްގައި މާލީގެ އިބްރާހީމާ ކޯނޭ ކާމިިޔާބުކުރި ލަނޑެކެވެ.

ވީއޭއާރު ބެލުމަށާއި އެތަކެއް ފަހަރު މެޗުގެ ކުޅުން ހުއްޓާލަަން ޖެހުނު މި މެޗުގެ 85 ވަނަ މިނެޓުގައި މާލީ ލީޑުގައި ވަނިކޮށް ރެފްރީ ވަަނީ މެޗު ނިމުނުކަން އަންގާ ކަށިގަނޑު ފުމެފައެވެ. އެ ފަހަރު ބުނީ އެއީ އޭނާއަށް އޮޅިގެން ކުރެވުނު ކަމެއްކަމަށް ބުނެފައެވެ.

އަލުން ކުޅެން ފެށިތާ ދެ މިނެޓުފަހުން ރެފްރީ ވަނީ މާލީ ކުޅުންތެރިއަކު ކުރި ފައުލަކަށް ސީދާ ރަތެއް ދައްކާފައެވެ. މިކަން އޭނާ ކުރީ ވީއޭއާރު ވެސް ބަލަން ގިނަ ބަޔަކު އެދުމުން އެކަން ނުކޮށެވެ.

މި ކާޑު ދެއްކިތާ ދެ މިނެޓުފަހުން ރެފްެރީ އަނެއްކާވެސް މެޗު ނިންމާލަން ކަށިގަނޑު ފުމުނެވެ. އޭރު 90 މިނެޓު ހަމައެއް ނުވެއެވެ. ނަމަވެސް މި ބުރު ރެފްރީ ގަދަ ހެދިއެވެ. އަދި އޭނާ ދަނޑުން ފޭބީ ސެކިއުރިޓީންގެ އެހީތެރިކަމާއެކު އެވެ.

މުބާރާތުގެ އޮފިޝަލުން ވަނީ ފަހުން އެ މެޗުގެ ބާކީ އޮތްބައި ފުރިހަމަކުރަން ދެ ޓީމަށް އަންގާފައެވެ. މާލީ ގެ ޓީމު އެއްބަސްވި ނަމަވެސް ޓިއުނީޝިއާ އަލުން އެ މެޗު ކުޅެން އެއްބަހެއް ނުވިއެވެ. އެ ޓީމުގެ ކޯޗު ބުނީ ކުޅުންތެރިން އެވަގުތު ތިބީ މެޗު ނިމިގެން އައިސް ބާތުގައި ކަމަށެވެ. އަދި އެ ދަނޑިވަޅު އަނެއްކާވެސް މެޗު ކުޅެން ބުނުމުން ހަމަނުޖެހޭ ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    ތީ އޭނާގެ ކެރިއަރ ނިންމާލަން ގަސްތުގައި ކުރި ކަމެއްކަމަށް ބެލެވޭ.. އިންޑިއާ ރައްޔިތަކު ކޮރޯނާ އަށް ފިލަން އަމިއްލައަށް މަރުވި ވާހަކަ ނޫހުގައޮތް.. އެކި މީހުން ކުރާނީ އެކި ކަންކަން..