ސްޕެނިޝް ސުޕަ ކަޕް ސެމީފައިނަލުގައި ބާސެލޯނާ 3-2 ގެ ހަނި ތަފާތަކުން ބަލިކޮށް ރެއާލް މެޑްރިޑު ފައިނަަލަށް ދަތުރުކޮށްފިއެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ އެލް ކްލަސިކޯ މެޗުގައި މި ދެ ޓީމު އެންމެފަހުން ކުޅުނު ފަސް މެޗުވެސް ކުރިހޯދީ ރެއާލް މެޑްރިޑެވެ. މިއީ ޒަވީގެ ކޯޗުކަމުގެ ދަށުނ ް ކުޅުނު ފުރަތަމަ އެލް ކްލަސިކޯ މެޗުކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން މި ކާމިޔާބީއަކީ ރެއާލަށް ބޮޑު ކާމިޔާބީއެކެވެ. މިއީ އެލް ކްލަސިކޯއެއްގައި ރެއާލް މެޑްރިޑުން ހޯދި 100 ވަނަ މޮޅެވެ. މެޗުގެ ކުރީކޮޅު ބާސެލޯނާއިން ދަށް ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ ފަހުކޮޅު އެ ޓީމުން ވަނީ ވާދަވެރި ކުޅުމެއް ކުޅެފައެވެ.

ރެއާލުން ލަނޑު ޖެހުމަށްފަހު

މި މޮޅާއެކު ފައިނަލުގައި ރެއާލް މެޑްރިޑް ބައްދަލުކުރާނެ ޓީމެއް ޔަގީންވާނީ މިރޭ އެތްލެޓިކޯ މެޑްރިޑް އަދި އެންމެ ފަހުގެ ޗެމްޕިއަން އެތްލެޓިކް ބިލްބާއޯ ބައްދަލުކުރާ ސެމީފައިނަލުގެ ދެވަނަ މެޗަށްފަހު އެވެ.

ބާސެލޯނާއިން މި މެޗާއި ކުރިމަތިލީ އެ ޓީމާއި އަލަށް ގުޅުނު ފެރާން ޓޮރޭސް ހިމަނައިގެންނެވެ. ނަމަވެސް ރެއާލު ހުއްޓުވޭގޮތެއް ނުވިއެވެ. މެޗުގައި ރެއާލުން ލީޑުނެގީ މެޗުގެ 25 ވަަނަ މިނިޓްގައެވެ. މިއީ ވިނީޝިއުސް ޖޫނިއާ ޖެހި ލަނޑެކެވެ.

ބާސެލޯނާއިން އެއްވަރުކުރީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށެވެ. މިއީ ލޫކް ޑި ޔޯން ކާމިޔާބުކުރި ލަނޑެކެވެ. ރެއާލުން ދެވަނަ ފަހަރަށް ލީޑުނެގ 72 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ ބެންޒެމާ އެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އަންސޫ ފާޓީ ވަނީ އަނެއްކާވެސް ބާސެލޯނާއަށް އެއްވަރުކޮށްދީފައެވެ. ރެއާލް މެޑްރިޑް މޮޅުވީ މެޗުގެ ފަހުކޮޅު ވަލްވާޑޭ ކާމިޔާބުކުރި ލަނޑުންނެވެ.

ކިޔުންތެރިންގެ ހިޔާލު