ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގައި ކުލަބް ގްރީންސްޓްރީޓްސް އިން ފެންވަރު ދައްކާލައިފިއެވެ.

ގަައުމީ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ތިބި މާޒިޔާ ބަލިވީ ގްރީން އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ރަނގަޅު ފޯމެއްގައި އޮތް ގްރީން ވަނީ ފައިނަލާއި ގާތަށް ޖެހިލާފައެވެ.

މާޒިޔާ މި މެޗުން ބަލިވިއިރު މިއީ މި ސީޒަނުގެ މިހާތަނަށް އެ ޓީމުގެ ފުރަތަމަ ބައްޔެވެ. އެންމެފަހުން ކުޅުނު ހަ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ.

ގްރީން ހޯދި މި މޮޅާއެކު އެ ޓީމު ވަނީ ތާވަލުގެ އެއްވަނައަށް ލަނޑުގެ ތަފާތުން ޖެހިލާފައެވެ. ގްރީންގެ އިތުރުން ދެވަނައިގައި އޮތް ވެލެންސިއާ އަދި ތިންވަނައިގައި އޮތް މާޒިޔާ ވަނީ 15 ޕޮއިންޓާއެކު އެވެ. ގްރީންއަށް ފައިނަލުގެ ޖާގަ ޔަގީންވާނީ ފަހު މެޗުގައި އީގަލްސް ބަލިކޮށްގެންނެވެ.

މެޗުގައި ގްރީންގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ގޮތުގަައި ދެއްކި ފަސް މިނެޓުގެ ތެރެއިިން ދެވަނަ މިނެޓުގެ ތެރޭގައެވެ. މިއީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ދިން ބޯޅައަކުން ހަސަން ނަޒީމް ގާސިމް (ޗޯޓު) ކާމިޔާބުކުރި ލަނޑެކެވެ.

ގްރީންގެ ދެވަނަ ލަނޑަކީ މާޒިޔާއަށް ކުޅެމުން އަންނަ ނޭޕާލްގެ ކެޕްޓަަން އަދި ކީޕަރު ކިރަން އަތުން ވަދެފައިވާ ލަނޑެކެވެ. މިއީ ގްރީންގެ އެންޖެލް މުނޯޒް އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައަކުން ވަތް ލަނޑެކެވެ. މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް މާޒިޔާއިން ތަނަވަސްކުރި އެވެ. ނަމަވެސް ގްރީންގެ ފަހަތް ފެނުނީ މި މެޗުގައި ވަރުގަދަކޮށެވެ. މެޗަކަށްފަހު މެޗެއް ގްރީން ދަނީ ކުޅުން ރަނގަޅުކުރަމުންނެވެ.