އެނބުރި މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނީ ތާވަލުގެ ހަތްވަނައިގައި އޮންނަން ނޫންކަމަށާއި ބޭނުންވަނީ ކާމިޔާބީ ހޯދަަން ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ކުލަބު މިހާރު އޮތް މަގާމާާއި ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކޮށް ރޮނާާލްޑޯ މިހެން ބުނިއިރު އޭނާ ވަނީ އެ ކުލަބާއި ގުޅުނު ފުރަތަމަ ކޮޅު ގިނަ ލަނޑުތަކެއް ޓީމަށް ޖަހައިދީފައެވެ.

ތާވަލުގެ ހަތްވަނަ މަގާމުގައި ޔުނައިޓެޑު އޮތްއިރު އެ ކުލަބުން ވަނީ ކޯޗު ސޯލްޝެއާ ގެ ބަދަލުގައި ރަންގްނިޗް ހަވާލުކޮށްފައެވެ. އާ ކޯޗާއެކު ހަތަރު މޮޅު މިހާތަނަށް ހޯދި ނަމަވެސް އެންމެ އުއްމީދުކުރާ ވަރުގެ ކުޅުމެއް ޓީމުގެ ފަރާތުން ނުފެނެއެވެ.

މީޑިއާއެއްގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ އެ ކުލަބާއި ގުޅުނީ ކާމިޔާބު ހޯދުމުގެ ވަރުގަދަ އަޒުމެއްގައި ކަމަށާއި ހަތްވަނައިގައި ކުލަބު އޮތުމަކީ އުއްމީދުކުރާ ކަމެއްނޫން ކަމަށެވެ. އަދި ކުލަބުގެ މައްސަލައަކީ "ނަފްސާނީގޮތުން" ޓީމު ގޯސްވުން ކަމަށްވެސް ބުންޏެވެ.

"މި ކުލަބަކީ ގަދަ ތިނެއްގައި ވާދަކުރާ ފެންވަރުގެ ޓީމެއް، އެބަޖެހޭ ކަންކަން ރަނގަޅުކުރަން މި ކުލަބުގައި، ވިސްނުންވެސް ބަދަލުކޮށް ރަނގަޅު ހިސާބަކަށް ދާން މަސައްކަތްކުރަން ޖެހޭ" ރޮނާލްޑޯ ބުންޏެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވެ 21 މެޗުން 14 ލަނޑު ޖަހައިދީފައެވެ. ނަމަވެސް ޓީމު އޮތީ ނާޒުކު ފައްތަރެއްގައެވެ. ޔުނައިޓެޑު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށްވުރެ 22 ޕޮއިންޓް ފަހަތުގައެވެ.