އެފްރިކާ ބައްރުގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރުގެ ޖާގައެއް މުބާރާތް ބާއްވާ ކެމަރޫން ކަށަވަރުކޮށްފި އެވެ.

މުބާރާތުގެ ދެވަނަބުރުގެ ޖާގައެއް ކެމަރޫން ހޯދީ އިތިއޯޕިއާގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ކެމަރޫނަށް އަދި މި ގްރޫޕުގައި ބާކީ ދެ މެޗު އެބައޮތެވެ.

މި މޮޅާއެކު ކެމަރޫންއިން ދެވަނަބުރަށް ދިޔައީ ގްރޫޕް އޭގެ އެއްވަނައިގައި ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބުރްކީނާ ފާސޯ އާއި ތިންވަނައިގައި އޮތް ކޭޕް ވާޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އިތިއޮޕިއާއިން އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ވާދަވެރިކޮށް ފެށި މި މެޗުގައި ކެމަރޫނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އެންމެ ފުރަތަމަ ލަނޑުޖެހީ އިތިއޯޕިއާ އިންނެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޮޓޭސާ ޑާވާ އެވެ.

ނަމަވެސް މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން ކެމަރޫން ނަތީޖާ ހަމަހަމަކުރި އެވެ. މިއީ ކާލް ޓޯކޯ ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމު އެއްވަރެއްގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ކެމަރޫން ފެނުނީ ފުރަތަމަ ހާފަށްވުރެ ވަރުގަދަކޮށެވެ. އެ ޓީމުން ވަނީ މި ހާފުގެ ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި ކާމިޔާބުކުރި އިރު ދެވަނަ ލަނޑު ފެނިގެންދިޔައީ 55 ވަނަ މިނެޓުގައެވެ. މި ދެ ލަނޑުވެސް އެ ޓީީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ވިންސެންޓް އަބޫބަކުރެވެ. އަދި އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ އެކަމްބީ އެވެ.