ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ދަ ގްރާންޑޭ ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން މި މުބާރާތުގެ ދެވަނަ މޮޅު ހޯދައިފިއެވެ.

ގަލޮޅު ދަނޑުގަައި ކުޅުނު މި މެޗު ޓީސީ ކާމިޔާބުކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީސީން މި މެޗުގައި މޮޅު ކުޅުމެއް ދެއްކިއެވެ.

ޕްރެޒިޑެންޓްސް ކަޕް 2021/2022 - ޓީސީ އަދި ޑަ ގްރާންޑޭ ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި މުބާރާތުގައި ޓީސީ ފުރަތަމަ މޮޅުވީ ފޯމު ދަށްކޮށް އޮތް ކުލަބް އީގަލްސް އަތުންނެވެ. އެއީ މުބާރާތުގައި ޓީސީގެ ފުރަތަމަ މެޗެވެ.

މި މޮޅާއެކު ޓީސީ އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. އަދި އެ ޓީމު އޮތީވެސް ތާވަލުގެ ހަ ވަނައިގައެވެ. ފަސްވަނައިގައި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) ވެސް އޮތީ ހަމަ މިއަދަދަށް ޕޮއިންޓު ހޯދައިގެންނެވެ. ޓީސީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ޓީސީން މޮޅަށް ފެށި މި މެޗުގައި އެ ޓީމުން ލީޑު ނެގީ ގާތްގާތުގައި ގިނަ ހަމަލާތަކެއް އުފެއްދުމަށް ފަހު މެޗުގެ 14 ވަނަ މިނެޓުގައެވެ. މިއީ ޕެނަލްޓީއަކުން މުހައްމަދު ދާނިޝް އާދަމް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓުފަހުން މުހައްމަދު ތަސްނީމް ވަނީ ދެވަނަ ލަނޑު ޓީސީއަށް ޖަހައިދީފައެވެ.

ޕްރެޒިޑެންޓްސް ކަޕް 2021/2022 - ޓީސީ އަދި ޑަ ގްރާންޑޭ ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 41 ވަނަ މިނެތުގައި ތަސްނީމް ވަނީ ޓީސީގެ ތިންވަނަ ލަނޑޫ ކާމިޔާބުކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ދަ ގްރާންޑޭގެ މުސްރިފް ވަނީ އެ ޓީމަށް ލަަނޑެއް ކާމިޔާބުކޮށްދީފައެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.