ޗެލްސީ ބަލިކޮށް އިނގިރޭސި ޕްރިމިއަރ ލީގުގައި ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީން އެއްވަނައިގައި 13 ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކެވިން ޑިބްރޭނާ އެވެ.

މި މޮޅާއެކު މިއީ ސިޓީން ލީގުގައި ޖެހިޖެހިގެން ހޯދި 12 ވަނަ މޮޅެވެ. ނިމިދިޔަ ސީޒަނުގައި ޗެލްސީން ސިޓީ ތިން ބުރަށް ބަލިކުރި ނަމަވެސް މި ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވީ ސިޓީއެވެ.

ޗެލްސީ އަތުން ހޯދި މޮޅާއެކު ސިޓީ މިހާރު އެއްވަނައިގައި އޮތީ ކުޅުނު 22 މެޗުން ހޯދި 56 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނައިގައި ޗެލްސީ އޮތީ ހަމަ މިއަދަދަށް މެޗު ކުޅެގެން 43 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ލިވަޕޫލް އޮތީ 20 މެޗުން 42 ޕޮއިންޓާއެކު އެވެ.

ވާދަވެރ ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗުގައި ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔަ އެވެ. އަނެއްކޮޅުން ސިޓީއަށް ވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ހާއްސަކޮށް ފިލް ފޯޑެން އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

މެޗުން ސިޓީ މޮޅުކޮށްދިން ލަނޑު ޑިބްރޭނާ ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ރީތި ޝޮޓަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ކިޔުންތެރިންގެ ހިޔާލު