ކޮވިޑާއި ގުޅިގެން މެޗެއް ކުޅެވޭ ހާލަތަށްވުރެ ޓީމުގެ ހާލަތު ގޯސްވުމުގެ ސަބަބުން އިނގިރޭސި ޕްރިމިއަރ ލީގުގައި މާދަމާ ޓޮޓެންހަމް އާއި ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްދިނުމަށް އާސެނަލް އިން ހުށައަޅައިފި އެވެ.

އާސެނަލް އިން މިގޮތަށް އެދުނުއިރު، އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ މުހިއްމު ބައެއް ކުޅުންތެރިންނަށް އަނިޔާގައި، އަދި އަނެއްބައި ކުޅުންތެރިން އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާތީ ބައެއް ކުޅުންތެރިންނަށް ވަނީ ރިލީޒް ދީފައެވެ.

މިކަމާއި ގުޅިގެން އާސެނަލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓީމުގެ އެތެރޭގައި ކޮވިޑުގެ ހާލަތު ގޯސްކަމަށާއި މެޗު ފަސްކުރަން ހުށައެޅީ އިތުރު ގޮތެއް އެ ކުލަބަށް މިވަގުތު ނެތުމުން ކަމަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބުތަކަށް ވެސް ކޮވިޑުގެ ދުއްތުރާ ކުރިމަތިވެފައިވާއިރު މިހާތަނަށް ގިނަ އަދަދެއްގެ މެޗުތަކެއް ވަނީ ފަސްކޮށްފައެވެ. ރެކޯޑުތަކަށް ބަލާއިރު މިހާތަނަށް 20 މެޗެއް ވަނީ ކޮވިޑާއި ގުޅިގެން ފަސްކޮށްފައެވެ.

އިނގިރޭސި ރިޕޯޓުތައް ބުނާގޮތުން މިކަމާއި ގުޅިގެން ޕްރިމިއަރ ލީގު އިސްވެރިންގެ ބޮޑު ބައްދަލުވުމެއް އޮންނާނެއެވެ. އަދި މިކަމަށް ގޮތެއް ނިންމާނީ މި ބައްދަލުވުމުންނެވެ. ބެލެވޭގޮތުގައި އާސެނަލްގައި ކުޅެވޭ ހާލަތުގައި މެޗު ކުޅޭ އަދަދަށް ކުޅުންތެރިން ތިބި ނަމަ އެ މެޗެއް ކުޅެންޖެހޭނެ އެވެ. އެއީ އެންމެފަހުން ޕްރިމިއަރ ލީގުން އެކުލަވާލި އުސޫލުގެ މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު