އެސްޓަންވިލާގެ ޖާރޒީގައި ފިލިޕް ކުޓީނިއޯ ކުޅުނު ފުރަތަމަ މެޗުގައި މެންޗެސްޓަރ ޔުނަައިޓެޑު ކޮޅަށް ގޯލުޖަހާ 2-2 އިން ނަތީޖާ އެއްވަރުކޮށްދީފިއެވެ.

މެޗުގައި ކުޓީނިއޯ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މި މެޗު އެސްޓަންވިލާ އެއްވަރުކުރީ ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކުންނެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ ކުޅުނު 20 މެޗުން ލިބުނު 32 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. ހަވަނއިގައި އޮތީ 18 މެޗުން 33 ޕޮއިންޓު ހޯދާފައިވާ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ފަސްވަނައިގައި 20 މެޗުން 33 ޕޮއިންޓާއެކު އާސެނަލް އޮތްއިރު އެސްޓަންވިލާ އޮތީ ތާވަލުގެ 13 ވަނައިގައެވެ.

ކުޓީނިއޯ އެސްޓަންވިލާ އާއި ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެ ޓީމުގެ މިހާރުގެ ކޯޗު އަދި ލިވަޕޫލްގައި ކުޓީނިއޯއާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ސްޓީވެން ޖެރާޑުގެ ބޮޑު ނުފޫޒަކާއެކު އެވެ.

މި މެޗުގައި ކުޓީނިއޯ ކުޅެން އެރީ މެޗުގެ 68 ވަނަ މިނެޓުގައެވެ. އޭރު 2-0 އިން ކުރީގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. އޭގެ ނުވަ މިނެޓުފަހުން ކުޓީނިއޯ ވަނީ އެސްޓަންވިލާގެ ފުރަތަމަ ލަނޑު ޖެހުމުގައި އެހީތެރިވެފައެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ޖެކަބް ރަމްސީ އެސްޓަންވިލާގެ ފުރަތަމަ ލަނޑު ކާމިިޔާބުކުރީ ކުޓީނިއޯ ތަނަވަސްކުރި ހަމަލާއެއްގައެވެ. އަދި އޭގެ ފަހުން ކުޓީނިއޯ ލަނޑުޖަހާ މެޗުގެ ނަތީޖާާ އެއްވަރުކޮށްދިނީ މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުންނެވެ.

ޔުނައިޓެޑަށް މި މެޗުގައި ލަނޑުޖަހައިދިނީ ބްރޫނޯ ފެނާންޑޭޒް އެވެ. އެ ޓީމުން މި މެޗުގައި ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ އޭނާއެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު