ކޮލޯން ކޮޅަށް ޖެހި ލަނޑުތަކާއެކު ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކްގެ ތަރި ރޮބަޓް ލެވަންޑޮސްކީ ލީގުގައި ޖެހި ލަނޑުތަކުގެ އަދަދު 300 އަށް އަރުވައިފިއެވެ.

ރަށުންބޭރުގައި ކުޅުނު މި މެޗު ބަޔާާން މިއުނިކް ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. ލެވަންޑޮސްކީ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ. މި މޮޅާއެކު ބަޔާން ވަނީ އެއްވަނައިގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފައެވެ.

މި މޮޅާއެކު ބަޔާން އެއްވަނައިގައި އޮތީ ކުޅުނު 19 މެޗުން ލިބުނު 46 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ބޮރޫޝިއާ ޑޯޓްމަންޑް އޮތީ 19 މެޗުން 40 ޕޮއިންޓާއެކު އެވެ.

މެޗުގައި ފުރިހަމަކުރި ހެޓްރިކާއެކު ލެވަންޑޮސްކީ މި އަދަދަށް ލަނޑު ހަމަކޮށްފައިވަނީ އެ ކުލަބަށް ކުޅެދިން 369 މެޗުންނެވެ.

މެޗުގައި ބަޔާންގެ ގޯލު ބެލެހެއްޓީ މެނުއެލް ނޯޔާ އެވެ. އޭނާ ނެތި ބަޔާން މިއަހަރުގެ ފުރަތަމަ މެޗުގައި ވަނީ މޮންޗެންގްލެޑްބެޗް އަތުން ބަލިވެފައެވެ. ނޯޔާ ހުރީ ކޮވިޑަށް ފައްސިވެ ރާއްޖޭގައި ތާށިވެފައެވެ. އޭނާ އެނބުރި ޓީމާއި ގުޅުނީ ރާއްޖޭގައި 10 ދުވަހު ކަރަންޓީނުގަައި ހުރުމަށްފަހު އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ލެވަންޑޮސްކީ ވަނީ ތޯމާސް މުލާގެ އެހީގައި ފުރަތަމަ ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު 25 ވަނަ މިނެތޫގައި ކޮރެންޓިން ޓޮލީސޯ ގެ ހިތްގައިމު ވޮލީ އަކުން ކާމިޔާބުކުރި އިރު ތިންވަނަ ލަނޑު ސާނޭގެ އެހީއާއެކު ލެވަންޑޯސްކީ ކާމިޔާބުކުރީ 62 ވަނަ މިނެޓުގައެވެ.

ލެވަންޑޮސްކީ ހެޓްރިކް ފުރިހަމަކުރި ލަނޑު ކާމިޔާބުކޮށްފައި ވަނީ 74 ވަނަ މިނެޓުގައެވެ. މިއީވެސް ސާނޭ ތަނަވަސްކުރި ފުރުސަތަކުން ޖެހި ލަނޑެކެވެ.