ޔުވެންޓަސް އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެ އެންމެފަހު ކްލަބު ކަމަށް، އޭނާގެ އެޖެންޓް ޖޯޖް މެންޑޭސް ބުނެފިއެވެ.

ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު މިދިޔަ އަންގާރަ ދުވަހު ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވެފައިވާއިރު އޭނާ އެ ކްލަބަށް ބަދަލުވީ 105 މިލިއަން ޔޫރޯގެ އަގަކަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ ކުޅުން ހުއްޓާލުމުގެ ކުރިން އެމެރިކާ ލީގުން ފެނިދާނެ ކަމުގެ އަޑުތަކެއް މީގެކުރިން ފެތުރިފައިވީ ނަމަވެސް އޭނާގެ އެޖެންޓް ވަނީ ޔުވެންޓަސް އަކީ ރޮނާލްޑޯގެ އެންމެފަހު ކްލަބު ކަމަށް ބުނެފައެވެ.

"ޔުވެންޓަސް އަކީ ރޮނާލްޑޯ ކުޅޭނެ އެންމެފަހު ކްލަބު. މި ނިންމުން ރޮނާލްޑޯ ނިންމީތީ އެކަމާ އުފާކުރަން. މި ކްލަބާއެކު ރޮނާލްޑޯގެ ކާމިޔާބު ކެރިއަރު ނިންމާލާނީ" މެންޑޭސް ބުންޏެވެ.

މީގެއިތުރުން މެންޑޭސް ވަނީ ރޮނާލްޑޯ ގެނައުމަށް ޔުވެންޓަސްގެ ރައީސާއި ޖެނެރަލް މެނެޖޭރު ކުރި މަސައްކަތަށް ވެސް ތައުރީފުކޮށްފައެވެ.

ރެއާލް މެޑްރިޑުން ރޮނާލްޑޯ ޔުވެންޓަސް އަށް ވިއްކާލީ އޭނާގެ އެދުމުގެ މަތިންނެވެ. ނަމަވެސް ރޮނާލްޑޯ ރެއާލް ދޫކޮށްލަން ނިންމީ ކޮން ސަބަބަކާއި ގުޅިގެންކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

2009 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ރެއާލް އަށް ބަދަލުވި ރޮނާލްޑޯ އަކީ އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ ވަނީ ރެއާލް އަށް ކުޅެދިން 438 މެޗުގައި 451 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މީގެއިތުރުން ރޮނާލްޑޯ ވަނީ ރެއާލްއާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އޭގެތެރޭގައި ހަތަރު ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު، ދެ ފަހަރެއްގެ މަތިން ސްޕެނިޝް ލީގު، ސްޕެނިޝް ކަޕް އަދި ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކުރުން ހިމެނެއެވެ.

ރޮނާލްޑޯ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    މެސީއަށް ބާސާއިން އަހަރަކު 30 މިލިއަން ދޭތީ ރޮނާލްޑޯ ޕެރޭޒްބެޔަށް އެދުނީ އަހަރަކު 40 މިލިއަން ދިނުމަށް. އެކަމާ ޕެރޭޒްބޭ ދެކޮޅުހެދީމާ ބޮޑަދައްކާފައި ދިޔައީ.

    • ސަކީބު

      މެސީއަށް އެހެން ކްލަބަކަށް ދާން ނުކެރެނީ ކީއްވެ. ފެށީސްސުރެ ބާސާގައި.

      • ބާސާ

        ޝަކީބަށް. މެސީމެން ކަހަލަ ކުޅުންތެރިން ދުނިޔޭގަ މަދުވާނެ. އޭނާއަށް ބާސާ ކޮށްދިން ޚިދުމަތުގެ ސަބަބުން ބާސާގައި އެހުންނަނީ. އެއީ ލޯޔަލް ކުޅުންތެރިންނަކީ. ވަރަށް ވެދުން.

  2. އާދަންބެ

    ބޮޑާދެއްކިއަސް ދެވޭނީއަތުގާހުރިވަރަކުންތާ