ނަޕޯލީގެ އިޓަލީ ކޯޗު މައުރީޒިއޯ ސާރީ އާއި އެ ކްލަބަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ގެނައުމަށް ޗެލްސީން މަސައްކަތް ފަށައިފިއެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި މިވަގުތު ހުރީ އެންޓޯނިއޯ ކޮންޓޭ ކަމަށްވާއިރު އަންނަ ސީޒަން ފެށުމުގެ ކުރިން އޭނާ މަގާމުން ވަކިކުރާނެ ކަމުގެ އަޑުތައް ވަނީ ގަދަވާން ފަށާފައެވެ. ކޮންޓޭ ވަނީ ޗެލްސީގައި ހޭދަކުރި ދެ އަހަރުތެރޭ އެ ކްލަބަށް ޕްރިމިއާ ލީގަކާއި އެފްއޭކަޕެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މިދިޔަ ސީޒަން ޗެލްސީން ނިންމާލީ ލީގުގެ ފަސްވަނައިގައި އޮވެއެވެ. އެއާއެކު އެޓީމަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭގޮތް ނުވެފައެވެ.

ކޮންޓޭ ވަކިކުރުމަށްފަހު ޗެލްސީން އެ ކްލަބުގެ ކޯޗަކަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ސާރީ ކަމަށްވާއިރު ނަޕޯލީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދުވަސްކޮޅެއް އެބައޮތެވެ. އެހެންކަމުން ޗެލްސީ އަށް އޭނާ ގެނެވެން އޮތީ ނަޕޯލީއަށް 4.5 މިލިއަން ޕައުންޑް ދެއްކުމަށްފަހުއެވެ.

ސާރީ ގެނައުމުގެ ޗެލްސީން ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ނަޕޯލީގެ ރައީސް އައުރެލިއޯ ޑި ލައުރެންޓިސް ވަނީ ސާރީއާ ގުޅޭ ކަންކަން މިހާރު އޮތީ އެންމެފަހު މަރުހަލާގައި ކަމަށް ވިދާޅުވެފައެވެ.

"ހުރިހާ ކަމެއްވެސް ނިމުމުގެ މަރުހަލާގައި މިހާރު އޮތީ. އަހަރެންގެ ވަކީލުން ފޮނުވަންޖެހޭ ލިޔުންތައް މިހާރު ވަނީ ފޮނުވާފައި. ހުރިހާ ކަމެއްވެސް މިހާރު އޮތީ ސާރީ އާއި ޗެލްސީގެ އަތްމަތީގައި" އޭނާ ވިދާޅުވިއެވެ.

ސާރީގެ އިތުރުން މިދިޔަ ސީޒަނުގެ ނަޕޯލީގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި ޖޯޖީނިއޯ ވެސް ޗެލްސީ އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ޑި ލައުރެންޓިސް ވިދާޅުވިއެވެ. ޖޯޖީނިއޯ ގެނައުމަށް މެންޗެސްޓަރ ސިޓީން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ޖޯޖީނިއޯ ގެނައުމަށް ސިޓީން ހުށަހެޅި ހުށަހެޅުން މީގެ 15 ދުވަސްކުރިން އަހަރެން ގަބޫލުކުރިން. އެކަމަކު މިހާރު އަހަރެން ސިޓީގެ ކިބައިން މައާފަށް އެދެން. ޖޯޖީނިއޯ ބޭނުންވަނީ މެންޗެސްޓަރ އަށްވުރެ ބޮޑަށް ލަންޑަނުގައި (ޗެލްސީ ނިސްބަތްވާ ސިޓީ) ދިރިއުޅެން. ސާރީ ކޮންމެ ގޮތެއް ނިންމި ނަމަވެސް ޖޯޖީނިއޯ ޗެލްސީ އަށް ދާނެ" ޑި ލައުރެންޓިސް ވިދާޅުވިއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ޖޯޖީނިއޯ ގެނައުމަށް ޗެލްސީން މަސައްކަތް ކުރަނީ 50 މިލިއަން ޕައުންޑަށް ވުރެ ވެސް ބޮޑު އަގެއްގައެވެ.

ޖޯޖީނިއޯ ނަޕޯލީއާ ގުޅުނީ 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ނަޕޯލީ އަށް 36 މެޗު ކުޅެދީފައެވެ.