ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ގެންނަން ބާސެލޯނާއިން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. އަދި މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންފާގައި ބާސެލޯނާއިން އެންމެ ފުރަތަމަ ގެންގަން ބޭނުންވާ ކުޅުންތެރިއަކީ ހަޒާޑް ކަމުގައި ހަބަރުތައް ގެނެސްދޭ ސްޕޯޓްސްއިން ވަނީ ބުނެފައެވެ.

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ހަޒާޑް ހޯދަން ބާސެލޯނާއިން މަސައްކަތް ފަށާފައިވާއިރު ދާދި ފަހުން އެ ކުލަބަށް ވަނީ ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ އޯތަރ މެލޯވެސް ގެނެސްފައެވެ.

އަދި ހަޒާޑް ގެންނަން ބާސެލޯނާއިން މަސައްކަތް ކުރަނީ ދާދި ފަހުން ބާސެލޯނާ ދޫކޮށް ޗައިނާގެ ޖުއާންގްޒޯ އެވަގްރޭންޑް އާއި ގުޅުނު ބްރެޒިލްގެ ތަރި ޕައުލީނިއޯ ނެތްތަން ފޫބެއްދުމަށް ކަމުގައި ބެލެވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ބާސެލޯނާ ދޫކޮށް ޕައުލީނިއޯ އޭނާގެ ކުރީގެ ކުލަބު ޖުއާންގްޒޯއަށް ބަދަލުވީ 50 މިލިއަން ޕައުންޑަށެވެ.

ޗެލްސީގެ ތަރި އެޑެން ހަޒާޑް ވަނީ މިއަހަރުގެ ވޯލްޑްކަޕްގައިވެސް ބެލްޖިއަމް އާއި އެކު ތަފާތު މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން ހަޒާޑްގެ ކެޕްޓަން ކަމުގައި ބެލްޖިއަމް ވަނީ ވޯލްޑްކަޕްގެ ސެމީ ފައިނަލް ކުޅެފައެވެ. ސެމީގައި ފްރާންސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނު މެޗުގައިވެސް ހަޒާޑް ވަނީ ތަފާތު ދައްކާފައެވެ.

ބެލްޖިއަމްގެ ލިއްލޭއިން ކުލަބު ފުޓްބޯޅައިގެ ކެރިއަރު ފެށި ހަޒާޑް އަކީ ކުލަބު ފެންވަރުގައި ރަނގަޅު ކުޅުމެއް ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ކުލަބު ފެންވަރުގައި ހަޒާޑް 494 މެޗު ކުޅެދީފައިވާއިރު އޭނާ ވަނީ 139 ގޯލު ޖަހާފައެވެ. އަދި ބެލްޖިއަމްގެ ގައުމީ ޓީމަށް ހަޒާޑް ކުޅެދިން 91 މެޗުގައި އޭނާ ވަނީ 21 ލަނޑު ޖަހާފައެެވެ.