ފްރާންސްގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ހުނަރުވެރި މަޓޭއޯ ގުއެންޑޯޒީ، އާސެނަލް އާއި އެކު އެއްބަސް ވުމެއް ހަދާފައި ވާކަމަށް އެކްލަބުން ބުނެފިއެވެ.

އެނގިފައި ވާގޮތުގައި އަދި މިހާތަނަށް ގުއެންޑޯޒީ އާސެނަލް އާއި ގުޅުނީ ކިހާ ވަރެއްގެ ޓްރާންސްފާ ފީ އެއްގައި ކަމަށް އާސެނަލް އިން ބުނެފައި ނުވެއެވެ. 19 އަހަރުގެ ގުއެންޑޯޒީ އޭނާގެ ފުޓުބޯޅަ ކެރިއަރު ފަށާފައިވަނީ ޕެރިސް ސެއިންޓް ޖާމަން އެކެޑެމީގައެވެ. 2014 ވަނަ އަހަރު ލީގު 2 ގައި ކުޅޭ ލޮރިއެންޓާއި ގުޅި، ގުއެންޑޯޒީ އޭނާގެ ފުރަތަމަ މެޗު ކުޅުނީ 2016 ވަނަ އަހަރު އޭނާގެ އުމުރުން 17 އަހަރުގައެވެ.

އަންގާރަ ދުވަހު ލޫކަސް ޓޮރޭރާ އާސެނަލް އާއި ގުޅިފައި ވާއިރު ގުއެންޑޯޒީ އަކީ، އާސެނަލްގެ އާ ކޯޗު އުނޭ އެމެރީ ކްލަބާއި ގުޅުނު ފަހުން ގެނައި ފަސް ވަނަ ކުޅުންތެރިޔާއެވެ. "އަހަރެން ބޭނުންވަނީ ކްލަބުގެ ތާރީހުގައި ހިމެނި ބޮޑެތި ކާމިޔާބީތައް ކްލަބާއި އެކު ހޯދަން. އާސެނަލް އަކީ އަހަރެންގެ ހިތާއި ވަރަށް ކައިރި ކްލަބެއް. މިއީ ކުޑައިރުވެސް ކުޅެން ބޭނުންވި ކްލަބު" ގުއެންޑޯޒީ އާސެނަލް އާއި ގުޅުމަށް ފަހު ބުންޏެވެ.

ލީގު2 ގައި 30 މެޗު ލޮރިއެންޓަށް ކުޅެދީފައިވާ ގުއެންޑޯޒީ އާސެނަލް އާއި ގުޅުމުން އޭނާ އާސެނަލް ގައި ކުޅޭނީ 29 ނަމްބަރު ޖާޒީ ލައިގެންނެވެ. ލޫކަސް ޓޮރޭރާ އާއި ގުއެންޑޯޒީގެ އިތުރުން ކީޕަރު ބާރންޑް ލިއޯ އާއި ޔުވެންޓަސް އިން ސްޓެފަން ލިޗްސްޓައިނާގެ އިތުރުން ޑޯޓްމަންޑް އިން ސޮކްރަޓިސް ޕަޕަސްޓަތޮޕޮލޮސް ވަނީ އާސެނަލް އާއި ގުޅިފައެވެ.

ގުއެންޑޯޒީ އާއި ބެހޭގޮތުން އާސެނަލްގެ ކޯޗު އުނޭ އެމެރީ ބުނެފައި ވަނީ، ގުއެންޑޯޒީ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި ލޮރިއެންޓާއި އެކު އޭނާ އަށް މިހާރު ޕްރޮފެޝަނަލް މެޗުތައް ކުޅެވިފައިވާނެ ކަމަށެވެ. ހަމަ އެހެންމެ ގުއެންޑޯޒީ އަކީ ވަރަށް އަވަހަށް ދަސްކުރާ، ދަސްކުރަން ބޭނުންވާ ކުޅުންތެރިއެއް ކަމުން ފުރަތަމަ ޓީމަށް އޭނާ ވަރަށް މުހިންމު ވާނެ ކަމަށްވެސް އޭނާ ބުންޏެވެ.