ފުޓުބޯޅައިން ރިޓަޔާމަންޓް އިއުލާނުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެ ނިންމުން ބަދަލުކޮށް ޓީސީގެ ކުރީގެ ކެޕްޓަން މުހައްމަދު އައްޒާމް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ސޮއިކޮށްފިއެވެ.

އުމުރުން 31 އަހަރުގައި ކުޅުން ހުއްޓާލިކަން އިއުލާނުކުރުމަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އައީ ގިނަބައެއްގެ އެދުމުގެ މަތިންކަމަށް އައްޒާމް ބުނެއެވެ.

ނ.ކެނދިކުޅުދޫ އިން ވިދާލި އައްޒާމް ފުރަތަމަ ޑިވިޝަނުގެ މާޒިޔާއިން ފުރަތަމަ ފެނުނު ނަމަވެސް އޭނާ އެންމެ ބޮޑަށް ފާހަގަވީ ބީޖީ ސްޕޯޓްސް ކުލަބުގައި ދެއްކި ކުޅުމުންނެވެ. އޭގެފަހުން އޭނާ ވަނީ 2015 ގައި ޓީސީއަށް ބަދަލުވެ އެ ކުލަބުގައި ކެޕްޓަން ބޭންޑު އަޅައިގެން މޮޅު ކުޅުމެއް ކުޅެ ކާމިޔާބީތަކެއް ހޯދާފައެވެ.

އައްޒާމް އެނބުރި ކުޅުމުގެ ތެރެއަށް އައިސް ސަސް އާއި ގުޅުނުކަން ހާމަކޮށްފައިވަނީ އޭނާ ނިސްބަތްވާ ކޮމެޓް ސްޕޯޓްސް ކުލަބުގެ ޕޯސްޓެއްގަައެވެ.

އައްޒާމް އެންމެ ފަހުން ފުރަތަމަ ޑިވިޝަނުން ފެނުނީ މިިދިޔަ ސީޒަނުގައެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ޓީސީން ކުރިމަތިލީ ނިސްބަތުން ޒުވާން ހުނަރުވެރި ކުޅުންތެރިންތަކާއެކު އެވެ. ނަމަވެސް އޭނާގެ ކުޅުމުގެ ފެންވަރު ފާހަގަކޮށްލެވެއެވެ. ގިނަ މެޗުތަކެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދިއެވެ.

ކުލަބް ލެވެލްގެ އިތުރުން ގައުމީ ޓީމަށްވެސް އައްޒާމް ކުޅެފަައިވެއެވެ. އެއީ އޭޝިއަން ކަޕަށް ކޮލިފައިވާން 2017 ވަނަ އަހަރު އޮމާން އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި އައްޒާމް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ޓީސީގައި އޭނާ ހޯދި ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ 2018 ގައި ޓީސީން ލީގު ޗެމްޕިއަންކަން ހޯދި ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ރާއްޖޭގެ ކުލަބަކުން ހޯދި ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި ހިމެނޭ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ޓްރޮފީ ޓީސީއަށް ހޯދައިދިނުމުގައި ވެސް އޭނާ ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދުރޭ

    ތިސޮރަށް ރިޓަޔަރމަންޓް ގެ މާނަ ނޭނގެނީހެން ހީވަނީ. އިރުއިރުކޮޅާ ކުޅެން އެ ނުކުންނަނީ.
    .

    1
    1