ބާސެލޯނާގެ މެޗެއް ބަލާލުމުގެ ދައުވަތު، ތައިލޭންޑުގެ ހޮހޮޅައެއްގައި ތާށިވެފައި ތިއްބާ ސަލާމަތްކުރި ކުދިންނަށް ދީފިއެވެ.

މިކަން ހާމަކޮށް "ބާސާ ފައުންޑޭޝަނުން" އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އަންނަ އަހަރު ބާސާގެ އެކެޑެމީން ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ތައިލޭންޑުގެ އެ ކުދިންނަށް ދޭ ކަމަށާއި އެ މުބާރާތުގެ ތެރެއިން ގިނަ އަދަދެއްގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ މުބާރާތް އޮންނަ ދުވަސްވަރު ބާސާގެ ދަނޑުގައި އެ ކްލަބުގެ ސީނިއާ ޓީމުން ކުޅޭ މެޗެއް ބަލާލުމުގެ ދައުވަތު ވެސް ވަނީ އެ ކުދިންނަށް ދީފައެވެ.

ހޮހޮޅައިގައި ތާށިވި ކުދިންނަކީ ތައިލޭންޑުގެ "ވައިލްޑް ބޯރ" ނަމަކަށް ކިޔާ ފުޓްބޯޅަ ޓީމަކަށް ނިސްބަތްވާ ކުދިންތަކެކެވެ. އެ ކުދިންނާއެކު އެޓީމުގެ ކޯޗުވެސް ހޮހޮޅައިގެ ތެރޭގައި ތާށިވިއެވެ.

ތައިލެންޑުގެ އުތުރުގެ ޝިއަންގ ރާއީ ސަރަޙައްދުގައި ހުންނަ ތަމް ލުއަންގ ހޮހޮޅައިގައި މި އެންމެން ތާށިވެފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުޓުބޯޅަ ޓީމުގެ 12 ކުޅުންތެރިންނާ ކޯޗު، އެތަނަށް ގޮސްފައިވަނީ ހޮހޮޅަތެރެ ބަލާލުމަށެވެ. އެތަނުގައި އެކުދިން ތާށިވެފައިވަނީ ބޯކޮށް ވާރޭވެހި، ހޮހޮޅައިގެ ބޭރުގައި ފެންބޮޑުވުމާ ގުޅިގެންނެވެ.

ފުޓުބޯޅަ ޓީމު ގެއްލިފައިވާކަން އެނގުނު ހިސާބުން ފެށިގެން، ތައިލެންޑްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެކަމަށް އިޖާބަ ދީފައެވެ. އަދި، ދިރިހުއްޓާ އެމީހުން ސަލާމަތް ކުރެވޭތޯ، ކުރެވެން ހުރި ހުރިހާ މަސައްކަތެއް، އެފަރާތުން ދިޔައީ ކުރަމުންނެވެ.

އިއްޔެ ހުރިހާ ކުދިންނާއި ކޯޗު ސަލާމަތްކޮށްފައިވާއިރު، ފުރަތަމަ ހަތަރު ކުދިން ސަލާމަތްކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. ހަމައެހެންމެ، ހޯމަ ދުވަހުވެސް ވަނީ އިތުރު ހަތަރު ކުއްޖަކު ސަލާމަތްކޮށްފައެވެ.

ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި ޖުމުލަ 1000 ޚިދުމަތްތެރިންނާއި 90 ޑައިވަރުން ހަރަކާތްތެރިވެފައިވެއެވެ. 1000 ޚިދުމަތްތެރިންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ އެހީތެރިން އަދި ތަރުޖަމާނުންނާއި ކައްކާއިން އަދި ޑްރައިވަރުންވެސް ހިމެނެއެވެ.

ހޮހޮޅައިން ކޮންމެ ކުއްޖަކުވެސް ސަލާމަތް ކުރެވިފައިވާއިރު، ކޮންމެ ކުއްޖަކުވެސް ފުރަތަމަ ގެންދަނީ ހޮހޮޅައިގެ ބޭރުގައި ހުންނަ ފީލްޑް ހޮސްޕިޓަލަކަށެވެ. ފީލްޑް ހޮސްޕިޓަލުގައި ފުރަތަމަ ބެލުންތައް ބެލުމަށްފަހު، ފުރަތަމަ އެހީ ފޯރުކޮށްދެއެވެ. އެއަށްފަހު ޝިއަންގ ރާއީ ހޮސްޕިޓަލަށް ގެންގޮސް، ފަރުވާގެ ކަންކަން ރަނގަޅަށް ފައްޓައެވެ.

ކޮންމެ ކުއްޖެއްގެވެސް ތަހުލީލުތަކެއް ކުރާއިރު، މިހާރު ބެލި އަށް ކުދިންގެ ތެރެއިން ދެ ކުއްޖަކު ނިއުމޯނިޔާ އަށް ޕޮޒިޓިވް ވެފައިވާކަމަށް މައުލޫމާތު ލިބޭއިރު، ހަ ކުއްޖަކުވަނީ ހައިޕޮތާމިޔާ އަށް ޕޮޒިޓިވް ވެފައެވެ.

މިއީ ދުނިޔޭގެ ތާރީޚުގައިވެސް ކުރިއަށް ގެންގޮސްފައިވާ އެންމެ ނުރައްކާތެރި އެއް ރެސްކިއު އޮޕަރޭޝަނެވެ.