ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކުލަބް ވެލެންސިއާ އިން ހޯދައިފިއެވެ.
އަލިފުށީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު ވެލެންސިއާ ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ނަތީޖާ އޮތުމުން އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުންނެވެ.
މިއީ ރާއްޖޭގެ ކުލަބް ފުޓުބޯޅައިގެ ދިގު ތާރީހެއް އޮތް ވެލެންސިއާއަށް ބޮޑު ކާމިޔާބީއެކެވެ. އެންމެފަހުން ވެލެންސިއާ އިން ތައްޓެއް ހޯދީ 2016 ގައެވެ. އޭގެފަހުން ކުލަބް ވަޅުޖެހި އޮތުމަށްފަހު މިއީ ކުލަބް އަލުން އަރައިގަތުމަށް ކުރާ މަސައްކަތަށް އިތުރުވި މުހިއްމު ބޮޅެކެވެ.
އެންމެފަހުން ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައިވަނީ މީގެ 14 އަހަރުކުރިންނެވެ. އެންމެފަހުން އެ ޓީމު ޕްރެޒިޑެންޓްސް ކަޕް ހޯދީ 2008 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކުލަބް 3-2 އިން ބަލިކޮށްގެންނެވެ. މިއީ ވެލެންސިއާގެ ތާރީހުގައި އެ ޓީމުން ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދި ހަ ވަނަ ފަހަރެވެ.
މާޒިޔާއަކީ ރާއްޖޭގެ ކުލަބް ފުޓުބޯޅައިގައި މި ވޭތުވެދިޔަ ދެ އަހަރުގައި ލީގު ކާމިޔާބުކޮށްފައިވާ ޓީމެވެ. އެ ޓީމު ވަނީ މީގެކުރިން އެއް ފަހަރު ޕްރެޒިޑެންޓްސް ކަޕް ހޯދާފައެވެ.
މެޗު ފަށައިގެން މާޒިޔާއަށް ހަމަނޭވާ ނުލެވި އުޅެނީސް ވެލެންސިއާ އިން ލީޑުނެގި އެވެ. މެޗުގެ ތިންވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ވެލެންސިއާއަށް ކުޅެމުން އަންނަ ލަންކާ ގައުމީ ޓީމުގެ ޑިފެންޑަރ ޑަަކްސަން ޕުސްލަކްސް އެވެ. މިއީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑު) ނަގައިދިން ކޯނަރެއްގައި އޭނާ ޖެހި ލަނޑެކެވެ.
މާޒިޔާއިން މެޗުގެ ނަތީޖާ އެއްވަރުކުރީ ވެސް ކޯނަރަކުންނެވެ. އައިސަމް ނެގި ކޯނަރަކުން މެޗުގެ 40 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާޒިޔާގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެ ޓީމު އެއްވަރެއްގައި އޮތުމުން ދެން ކުޅުނީ އިތުރުވަގުތުގެ ދެ ހާފެވެ. މާޒިޔާއަށް މަސްއްސަލަ ކުރިމަތިވީ ކުޅެން އެރިތާ ފަސް މިނެޓުގެ ތެރޭގައި އެޓީމުގެ އިތުބާރު ކުޅުންތެރިޔާ ނާއިޒް ހަސަން (ދާދު) އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތްކާޑު ދެއްކީ ސެންޓޭ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފައުލް ކުރެވިގެންނެވެ.
މެޗުން ވެލެންސިއާ މޮޅުވި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ސްޕެއިން ފޯވާޑް ބޯހާސް މާޓީން ގޮންޒާލޭޒް އެވެ. މިއީ މާޒިޔާގެ ޑިފެންސްލައިނުން ހޯދި ޖާގައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ވެލެންސިއާގެ ބޯހަސް އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އެވެ.
ވަނަތަކަށް ދިޔަ ކުޅުންތެރިންނާއި ޓީމުތަކަށް އިނާމުދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު ނައިބު ރައީސް ފައިސަލް ނަސީމް އާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އަދި އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
މީގެއިތުރުން ފައިނަލް މެޗަށްފަހު މުހައްމަދު ރަޝީދު (ހޮކޭ) ފުޓުބޯޅައިން ރިޓަޔާވުމާއި ގުޅިގެން އެފްއޭއެމުން ވަނީ ކުޅުންތެރިޔާގެ އަގުވަޒަންކޮށް އެކަން ފާހަގަކޮށްފައެވެ.
ވެލެންސިއާ ހޯދި ކާމިޔާބީއަށް މަރުހަބާ. އަޅުގަނޑުގެ ޓީމް އަބަދުވެސް. އިތުރު ކާމިޔާބީއަށް އެދެން
ދަނޑުވަށައިގެން އެއްވެފަ ތިބިހާ މީހުން ގިނަކަމުން ކުޅޭތަން ފެންނަ ވަރެއް ނޫން.
އަލިފުށީ ދަނޑު ފުރިފައި އޮތްތަނުގެ ފޮޓޯއެއް ޖަހާދީބަލަ.
No covid
ވެލެންސިޔާ ރެލިގޭޓް ކޮށްލަން ފެނޭ! ޢަހަ އެއީ ބައްސާމްގެ ޢާއިލީ ކުލަބު ދޯ. ސޮ ރީ އެހެންވީމަ އެކަން ވާކަށްނެތް!