ޗެލްސީގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިކޮށްފިއެވެ.

ޗެލްސީގެ ކޯޗުކަމުން ކޮންޓޭ ވަކިކުރިއިރު އޭނާ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ.

ޗެލްސީގެ ކޯޗުކަމުން ކޮންޓޭ ވަކިކޮށްފައިމިވަނީ އެ ކްލަބުގެ އިސްވެރިންނާއި އޭނާއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.

ކޮންޓޭ އަށްފަހު ޗެލްސީގެ ކޯޗުކަމާ ދެން ހަވާލުވާނީ ނަޕޯލީއަށް ކުރިން ކޯޗުކޮށްދިން މައުރީޒިއޯ ސާރީއެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މިކަން ޗެލްސީން އިއުލާންކުރާނެއެވެ.

ސާރީގެ އިތުރުން ނަޕޯލީއަށް ކުޅެމުން އައި އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ވެސް ޗެލްސީ އަށް ބަދަލުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަޕޯލީގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި ޖޯޖީނިއޯ ގެނައުމަށް މެންޗެސްޓަރ ސިޓީން ވެސް ވަނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި މަސައްކަތް ކޮށްފައެވެ.

ޔުވެންޓަސް އާއި އިޓަލީގެ ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ކޮންޓޭ ޗެލްސީގެ ކޯޗުކަމާއި ހަވާލުވީ 2016 ވަނަ އަހަރުއެވެ. ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅެ ފުރަތަމަ ސީޒަނުގައި ވެސް ޗެލްސީން ވަނީ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. ޗެލްސީން އެފަހަރު ލީގު ކާމިޔާބުކުރީ ގިނަ ރެކޯޑުތަކެއް ވެސް މުގުރާލުމަށްފަހުއެވެ.

އަދި މިދިޔަ ސީޒަނުގައި ޗެލްސީން ވަނީ މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭކަޕް ކާމިޔާބުކޮށްފައެވެ. ނަމަވެސް މިދިޔަ ސީޒަން ޗެލްސީން ނިންމާލީ ޕްރިމިއާ ލީގުގެ ފަސްވަނައިގައި އޮވެ ކަމަށްވާއިރު އެޓީމަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވެސް ޖާގަ ލިބޭގޮތް ނުވެފައެވެ.