މަހިބަދޫގެ ކެޕްޓަން އަލީ އިޝްފާގުގެ ހިތްގައިމު ގޯލާއެކު އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި މަހިބަދޫއިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި އެއްވަރުކުރި އިރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް އީގަލްސް ފެށުން ރަނގަޅުކޮށްފި އެވެ.

މަހިބަދޫއާއި ޔޫވީ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އަދި އީގަލްސް މޮޅުވީ ސަސް އަތުން 1-0 އިންނެވެ.

މަހިބަދޫ އާއި ޔޫވީ އެއްވަރުވި މެޗު ފަށައިގެން ޔޫވީ ދިޔައީ ނުރައްކާކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމު ވަނީ މެޗުގެ 27 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މިއީ ލަމާން ނެގި ހުރަހަކުން މީސާގު ކާމިޔާބުކުރި ލަނޑެކެވެ.

އޭގެފަހުން ވެސް ޔޫވީން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތްކުރި އެވެ. އެކަން ކާމިޔާބުނުވެ އުޅެނިކޮށް މަހިބަދޫއިން މެޗުގެ ފަހުކޮޅު ކުރިޔަށްޖެހި އުފެއްދި ފުރުސަތަކުން މެޗުގެ ފުރިހަމަ ހަމަވާން ގާތްވެފައިވަނިކޮށް ވަނީ އެއްވަރުކޮށްފައެވެ.

މަހިބަދޫއިން އެއްވަރުކުރުމަށް ފަހު އުފާފާޅުކުރަނީ-- ފޮޓޯ: އެފްއޭއެމް

މަހިބަދޫގެ ކެޕްޓަން އިސްފާގު މި ލަނޑު ކާމިޔާބުކޮށްފައިވަނީ ދަނޑުގެ މެދަކާއި ހިސާބުން ހޯދި ބޯޅަައެއްގައި ޔޫވީގެ ކުޅުންތެރިން ކައިރިން ރީތިކޮށް ދެމިގަތުމަށްފަހު އޭރިއާ ބޭރުން ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ހިތްގައިމު ބޯޅައަކުންނެވެ.

ސަސް އަތުން އީގަލްސް މޮޅުވި މެޗުގައި އީގަލްސްގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ 32 ވަނަ މިނެޓުގައެވެ. މިއީ މުހައްމަދު ސަމާހު މޫސާ ކާމިޔާބުކުރި ލަނޑެކެވެ.

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ކުރިޔަށްދަނީ 19 އަހަރުންދަށަށް އަމާޒުކޮށްގެންނެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރާއިރު އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބުގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

ޔޫވީ އާއި މަހިބަދޫ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

މި ނުވަ ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފަައެވެ. ގްރޫޕް އޭގައި ހިމެނޭ ކުލަބުތަކަކީ މާޒިޔާ، އީގަލްސް، ކުލަބް ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ޓީސީ ސްޕޯޓްސް ކުލަބް އަދި ކުލަބު ވެލެންސިއާ އާއި މަހިބަދޫ އެވެ.

މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު މާޒިޔާ އާއި ގްރީންސްޓްރީޓްސް ބައްދަލުކުރާއިރު މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިއާާ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެއްވެސް ބިދޭސީ ނަމެއް ޚަބަރުގައި މިފަހަރު ލިޔެފައި ނެތުމުން ދިވެހި ފުޓުބޯޅަ ދާންއުޅޭ މިސްރާބު ރަނގަޅުހެން ހީވޭ. ރާއްޖޭގައި މޮޅުކުޅުންތެރިން އެބަތިބި. ފުރުސަތުތައް މަދީ. މަހިބަދޫގެ އިޝްފާގު އާއި ޔޫވީގެ ލަމާންގެ ކުޅުން ފާހަގަކުރެވޭ.