އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެވަނަބުރުގެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަފައިނަލަށް ގެމްބިއާ ގެ އިތުރުން މުބާރާތް ބާއްވާ ކެމަރޫން ދަތުރުކޮށްފިއެވެ.

މުޅިން އަލަށް އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރި ގެމްބިއާ އިން ކުއާޓާފައިނަލުގެ ޖާގައެއް ހޯދީ ގިނީ 1-0 އިން ބަލިކޮށްގެންނެވެ. މިއީ ފީފާ ރޭންކިންގެ 150 ވަނައިގައި އޮތް ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

އަނެއްކޮޅުން މުބާރާތް ބާއްވާ ކެމަރޫން ކުއާޓާފައިނަލުގެ ޖާގަ ހޯދީ ވާދަވެރި ކުޅުމަކަށް ފަހު ކޮމޮރޯސް 2-1 އިން ބަލިކޮށްގެންނެވެ. މިއީ އަމިއްލަ ގައުމުގައި ކުޅޭ މި މުބާރާތާއެކު އެ ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ގެމްބިއާ މޮޅުވި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޫސަ ބަރޯ އެވެ. މިއީ ޔޫސުފާ ބޮބް ދިން ބޯޅައަކުން އޭރިއާ ތެރެއަށް ވަދެ އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގައި ގިނީން ލަނޑެއް ޖެހިނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއްގެ ގޮތުގައެވެ. އަދި ގެމްބިއާގެ ޔޫސުފާ ނިޖޭ އާއި ގިނީގެ ކޮންޓޭއަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކާފައެވެ.

ކެމަރޫން އިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ކެމަރޫންގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު ކާމިޔާބުކުރި އިރު މީހުން ގިނަވެ ތޮއްޖެހުމުގެ ސަބަބުން ސްޓޭޑިއަމް ތެރޭގައި ގިނަ ބަޔަކު ޒަހަމްވިއެވެ. އަނެއްބަޔަކަށް މެޗު ތެރެއިން ހޮސްޕިޓަލަށް ފަރުވާދިނުމަށް ފޮނުވާވެސްލި އެވެ.

ކޮމޮރޮސް އިން މި މެޗާއި ކުރިމަތިލީ ކީޕަރު ނެތުމުން އެ ޓީމުގެ ޑިފެންޑަރ ޗަކަރު ގޯލުގައި ބަހައްޓައިގެންނެވެ. މެޗު ފަށައިގެން ވެސް ކޮމޮރޯސްއަށް އިތުރު ގޮންޖެހުމަކާއި ކުރިމަތިލީ މެޗުގެ ކުރީކޮޅު އެ ޓީމުގެ ނަޖީމް އަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ.

ކެމަރޫން އިން ލީޑުނެގީ 29 ވަނަ މިނެޓުގައެވެ. މިއީ ކާލް ޓޯކޯ ޖެހި ލަނޑެކެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު 70 ވަނަ މިނެޓުގައި ވިންސެންޓް އަބޫބަކުރު ޖެހިއިރު ކޮމޮރޮސް އިން ސުން ކަނޑުވާލީ 81 ވަނަ މިނެޓުގައި ހިލޭޖެހުމަކުން ޔޫސުފް އެންޗަންގަމާ އެވެ.

ކުއާޓާފައިނަލުގައި ބައްދަލުކުރަން ޖެހޭނީވެސް ކެމަރޫން އާއި ގެމްބިއާ އެވެ. މުބާރާތުގެ ދެވަނަ ބުރުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާޏީ ސެނެގާލް އާއި ކޭޕް ވާޑް ގެ އިތުރުން މަލާވީ އާއި މޮރޮކޯ އެވެ.

ކިޔުންތެރިންގެ ހިޔާލު