ކުރިޔަށްއޮތް އިންޓަނޭޝަނަލް ބްރޭކުގައި އެކުލަވާލާ އިޓަލީގެ ގައުމީ ފުޓުބޯޅަ ޓީމުގައި މާރިއޯ ބަލޮޓެލީ ހިމެނުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބަލޮޓެލީ އެންމެފަހުން އިޓަލީ ގައުމީ ޓީމަށް ކުޅެފައިވަނީ 2018 ގެ ސެޕްޓެމްބަރު މަހު ނޭޝަންސް ލީގުގެ މެޗެއްގައެވެ. އޭގެފަހުން އޭނާއަށް އިޓަލީ ސްކޮޑުގައި ޖާގައެއް ނުލިބެއެވެ.

ސްކައި ސްޕޯޓްސް އިން ހާމަކޮށްފައިވާ ގޮތުގައި އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ މިހާރު ވަނީ މިމަހުގެ 26 އަދި 27 ގައި އިޓަލީ ކުޅޭ މެޗުތަކަށް 35 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

މި މެޗުތަކާއެކު މިއީ ބަލޮޓެލީއަށް އިޓަލީ ގައުމީ ޓީމުން ކުރިޔަށްއޮތް ތަނުގައިވެސް ޖާގައެއް ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަންނަ މާރޗް މަހު ޕްލޭއޮފްގައި އިޓަލީ އާއި ނޯތް މެސެޑޯނިއާ ބައްދަލުކުރާނެއެވެ .

އުމުރުން 31 އަހަރުގެ ބަލޮޓެލީ މިވަގުތު ކުޅެމުން އަންނަނީ ތުރުކީގެ ފުރަތަމަ ޑިވިޝަނުގެ އަޑާނާ ޑެމިސްޕޯގައެވެ. އޭނާ ވަނީ އެ ޓީމަށް 21 މެޗު ކުޅެދީ ޖުމްލަ 9 ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. މީގެތެރޭގައި މިދިޔަ ހޮނިހިރު ދުވަހު ތުރުކީ ލީގުގައި އެ ޓީމު ކުޅުނު މެޗުވެސް ފާހަގަކޮށްލެވެއެވެ.

ބަލޮޓެލީ ވަނީ އޭނާ އަދިވެސް އިޓަލީ ގައުމީ ޓީމަށް ކުޅެން ބޭނުންވާކަން މީގެކުރިން ހާމަކޮށްފައެވެ. އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް މިހާތަނަށް 36 މެޗު ކުޅެދީ 14 ލަނޑު ޖަހައިދީފައެވެ.