އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަރި ކެވިން ޑި ބްރައިނާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ކެވިން ޑި ބްރައިނާ އާއެކު އޭނާގެ އަންހެނުން މިޗެލް ލެކްރޮކްްސް އާއެކު އޭނާގެ ތިން ދަރިން ވަނީ ޗުއްޓީއަށް ރާއްޖެ އައިސްފައެވެ. މި އާއިލާ ރާއްޖެ އައީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.

މި އާއިލާ ޗުއްޓީ ހޭދަކުރަނީ ރާއްޖޭގެ އެންމެ އަގުބޮޑު އެއް ޕްރައިވެޓް ރިސޯޓު ކަމަށްވާ ވެލާ ޕްރައިވެޓް އައިލޭންޑުގައި ކަމަށް އިނގިރޭސި ބައެއް ރިޕޯޓުތައް ބުނެއެވެ.

ވެލާ ޕްރައިވެޓް އައިލޭންޑަކީ ބޮޑެތި މަހުޖަނުންނާއި ކުޅިވަރުގެ މަޝްހޫރު ތަރިންނާއި ލަވަކިޔުންތެރިންނާއި އެހެނިހެން މަޝްހޫރު މީހުންގެ މަގްބޫލު މަންޒިލެކެވެ. މިއަހަރުގެ އާ އަހަރު ފާހަގަކުރުމަށް ވެސް އިނގިރޭސި މަޝްހޫރު ގިނަ އަދަދެއްގެ މީހުން ވަނީ އެ ރިސޯޓުގައި ވަގުތު ހޭދަކޮށްފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދުމާއި ގާތުގައި އޮތް މެންޗެސްޓަރ ސިޓީގެ ތަރި ކެވިން ޑި ބްރައިނާ އަށް މި ސީޒަނަކީ އޭނާގެ އެންމެ ރަނގަޅު ފޯމު ފެންނަމުންދާ ސީޒަނެއް ނޫނެވެ. މި ސީޒަނުގައި އޭނާ ކުޅުނު 17 މެޗުގައި ކާމިޔާބުކުރެވުނީ 6 ލަނޑެވެ.