ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2022 ގައި ކުލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗު މޮޅަކުން ފަށައިފިއެވެ.

ގްރޫޕް ބީގައި ހިމެނޭ މި ދެ ޓީމުގެ ކުރިމަތިލުން ޓީސީ ސްޕޯޓްސް ކުލަބު ކާމިޔާބުކޮށްފައިވަނީ 3-4 ގެ ނަތީޖާއަކުންނެވެ.

ޓިސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލީޑުނެގީވެސް އެ ޓީމުންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުނަފް މުޙައްމަދު ތަސްނީމް (ނަފްކޮ) އެވެ.

ނަފްކޮ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ޓީސީގެ ކެޕްޓަން އައިހަމް ހަމްދޫނަށް ވެލެންސިއާގެ ގޯލްކީޕަރު މޫސާ އައްޔާން ހުސައިން ކުރި ފައުލުގެ ސަބަބުން ރެފްރީ ދިން ޕެނަލްޓީއަކުންނެވެ. ޓީސީން ލީޑު ފުޅާކުރީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށެވެ.

ޓީސީއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ޓީސީގެ ދެވަނަ ލަނޑަކީ ޔޫސުފް ޝައިފް ނަގައިދިން ކޯނަރަކުން ހަސަން އަޒޫމް އަލީ ކާމިޔާބުކޮށްދިން ލަނޑެކެވެ. ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް ވެލެންސިއާ އިން ފަރަގު ކުޑަކޮށް އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ 69 ވަނަ މިނެޓުގައެވެ. މިއީ ވެލެންސިއާގެ އާދަމް ސިޔާނަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓިއަކުން އާމިން އުމަރު މޫސާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް ވެލެންސިއާއަށް ހަމަނޭވާ ނުލެވި އުޅެނިކޮށް 74 ވަނަ މިނެޓުގައި ޓީސީން އަނެއްކާވެސް ލީޑު ފުޅާކުރި އެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފަހުމާން އަބްދުލް ހަމީދު ކާމިޔާބުކޮށްދިން ލަނޑެކެވެ. ޓީސީގެ ހަތަރުވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފަހުމާން އެވެ. އެއީ މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައެވެ.

ވެލެންސިއާއިން ފަރަގު ކުޑަކުރީ އިތުރުވަގުތުގައި ގާތްގާތުގައި ކާމިޔާބުކުރި ދެ ލަނޑާއެކު އެވެ. އެ ޓީމުގެ ދެވަނަ ލަނޑު އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި އީގާން އަބްދުލް މަޖީދު ކާމިޔާބުކޮށްދިން އިރު އޭގެ މިނެޓެއްފަހުން ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އާމިން އެވެ.

ކިޔުންތެރިންގެ ހިޔާލު