ވޮޓްފޯޑުގެ ކޯޗުކަމުގެ މަގާމަށް ކުރިން ލިވަޕޫލާއި ކްރިސްޓަލް ޕެލަސްގެ ކޯޗުކަންކުރި ތަޖުރިބާކާރު ކޯޗު ރޯއި ހޮޖްސަން ހަމަޖައްސައިފިއެވެ.

ކޯޗަކަށް ރޯއި ހޮޖްސަން ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުރި ކްލައުޑިއޯ ރަނިއޭރީ ވަކިކުރިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

އޭނާ ކޯޗުކަމާއި ހަވާލުވިއިރު ވޮޑްފޯޑް އޮތީ އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ 19 ވަނައިގައިއެވެ. އެހެންކަމުން މިއީ ހޮޖްސަން އަށް ކުރިމަތިލާން ޖެހޭ ބޮޑު ޗެލެންޖެކެވެ.

ހޮޖްސަން އެންމެ ބޮޑަށް ފާހަގަކުރެވުނީ އިންގްލޭންޑް ގައުމީ ޓީމާއެކު 2012 ގެ ޔޫރޯ އާއި 2014 ގެ ވޯލްޑްކަޕް އަދި 2016 ގެ ޔޫރޯގައި ޓީމުގެ ކޯޗުކަމުގެ މަގާމުގައި ކުރި ފާހަގަކޮށްލެވޭ މަސައްކަތްތަކަށެވެ. އުމުރުން 74 އަހަރުގެ ކޯޗު ވަނީ ފިންލޭންޑް، ސްވިޒަލޭންޑް އަދި ޔޫއޭއީ އާއެކު ވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފަައެވެ.

މީގެއިތުރުން ކުލަބް ފުޓުބޯޅައިގައި ވެސް އޭނާއަކީ މީގެކުރިން ވަރުގަދަ ނަމެކެވެ. އޭނާ ވަނީ އިނގިރޭސި ކުލަބުތައް ކަމަށްވާ ލިވަޕޫލާއި ފުލަމް އަދި ވެސްޓްބްރޮމް ފަދަ ކުލަބުތަކުގެ އިތުރުން އެހެން ގައުމުތަކުގެ ލީގު ކުލަބުތައް ކަމަށްވާ އުދިނޭސީ އާއި ކޮޕަންހެގަން އަދި އިންޓަމިލާނަށް ވެސް ކޯޗުކަން ކޮށްދީފައެވެ.

ވޮޓްފޯޑުގެ ކޯޗުކަމުން ރަނިއޭރީ ވަކިކުރީ އޭނާ އެ މަގާމާއި ހަވާލުވިތާ ހަތަރު މަސް ނުވަނީހެވެ. ރަނިއޭރީގެ ކޯޗުކަމުގެ ދަށުން އެ ކުލަބު ކުޅުނީ 14 މެޗެވެ. ނަމަވެސް އެ ކުލަބުން ރަނިއޭރީ ވަކިކުރީ ނަތީޖާ ރަނގަޅު ނުވުމުން ކަމަށް އެ ކުލަބުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު