ސްޓޯކް ސިޓީ އަށް ކުޅެމުން އައި ސްވިޒަލޭންޑްގެ ފޯވާޑް، ޒެރްޑަން ޝަގީރީ ލިވަޕޫލް އަށް ބަދަލުވެއްޖެއެވެ.

އުމުރުން 26 އަހަރުގެ ޝަގީރީ ލިވަޕޫލް އަށް ބަދަލުވީ 13 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޝަގީރީ ލިވަޕޫލް އަށް ބަދަލުވިއިރު އޭނާ އެންމެފަހުން ކުޅުނު ސްޓޯކް ސިޓީ ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުން ރެލިގޭޓް ވެފައެވެ.

ބަޔާން މިއުނިކަށް ވެސް ކުރިން ކުޅެފައިވާ ޝަގީރީ ބުނީ ލިވަޕޫލް އަށް އަންނަން މީގެކުރިން ވެސް މަސައްކަތްކުރި ކަމަށާއި އެ ކްލަބަށް އެންމެފަހުން އާދެވުމުން އެކަމާ ވަރަށް އުފާކުރާ ކަމަށެވެ. ލިވަޕޫލްގައި ހުރެ އިތުރު ކުރިއެރުންތައް ހޯދަން ބޭނުންވާ ކަމަށާއި ބޭނުންވަނީ މޮޅެތި ކުޅުންތެރިންނާއި އެކީ ކުޅެ ތަށިތައް ކާމިޔާބުކުރަން ކަމަށްވެސް ޝަގީރީ ބުންޏެވެ.

"ލިވަޕޫލް އަކީ ބޮޑު ތާރީހެއް އޮތް ބޮޑު ކްލަބެއް. މި ކްލަބުގައި މިތިބީ ނަން މަޝްހޫރު ކުޅުންތެރިން. މި ކްލަބުގައި މިހުރީ މޮޅު ކޯޗެއް. ލިވަޕޫލް އަށް އެންމެފަހުން އާދެވުމުން އެކަމާ ވަރަށް އުފާވެއްޖެ" ޝަގީރީ ބުންޏެވެ.

ޝަގީރީ ލިވަޕޫލް އަށް ސޮއިކުރުމުން އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ބުނީ ޝަގީރީ އަކީ ތަފާތު ގެނެސްދޭނެ ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީ ތަފާތު އެކި މަގާމުތަކަށް ވެސް ކުޅެވޭނެ ކުޅުންތެރިއެއް ކަމަށެވެ. އަދި ޕްރިމިއާ ލީގުގައި ކުޅުމަކީ ކިހާވަރެއްގެ ކަމެއްކަން ޝަގީރީ އަށް އެނގިފައިވުމަކީ ލިބޭ "ބޯނަސް" އެއް ކަމަށްވެސް ކްލޮޕް ބުންޏެވެ.

2013 ވަނަ އަހަރު ބަޔާން މިއުނިކާއެކު ޗެމްޕިއަންސް ލީގު ޝަގީރީ ކާމިޔާބުކުރިއިރު އޭނާ އަކީ މިދިޔަ ސީޒަނުގައި ސްޓޯކް އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

ޝަގީރީ ލިވަޕޫލް އަށް ބަދަލުވިއިރު މޮނާކޯ އަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ ވެސް ވަނީ ދާދިފަހުން އެ ކްލަބަށް ބަދަލުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު