ސްޕެއިންގެ ލަލީގާގައި މިރޭ ކުޅެވިދިޔަ މެޗުތަކުގެ ތެރެއިން ރެއާލް މެޑްރިޑާއި އަލަވޭސް ބައްދަލުކުރި މެޗު 4-0ން ރެއާލް ކާމިޔާބުކުރިއިރު މި މެޗުގައި ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ދީލަތިކަމުގެ ލާމަސީލު މިސާލެއް ފެނިގެންގޮސްފިއެވެ.

މި މެޗުގައި ގިނަ ވަގުތު ރެއާލްއިން ކޮންޓްރޯލްކޮށްގެން ކުޅެ އަލަވޭސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއިރު އަލަވޭސްއިންވެސް ވަނީ ރެއާލްގެ ގޯލަށް މަދު ފަހަރެއްގެ މަތިން ނުރައްކާކޮށްފައެވެ.

ފައުލް ގިނަކަމަށް ފާހަގަކުރެވުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކުވައިދިން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ދެވަނަ ލަނޑު ގެރެތް ބޭލް ކާމިޔާބުކުރިއިރު ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީވެސް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން ކަރިމް ބެންޒޭމާއެވެ. އާންމުކޮށް ރެއާލްގައި ޕެނަލްޓީ ނަގާ ކުޅުންތެރިޔަކީ ރޮނާލްޑޯކަމުގައިވާއިރު ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގެ 50 ވަނަ ހެޓްރިކް އަދި 300 ވަނަ ލަލީގާ ލަނޑު ކާމިޔާބުކުރުމަށް ލިބުނު މި ފުރުސަތު މި މެޗުގައި ލަނޑެއް ކާމިޔާބުކުރުމުގެ ނަސީބު ނެތް ބެންޒޭމާއަށް ދޫކޮށްލައިފައެވެ.

ލަލީގާގެ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރި މެޗު ބާސެލޯނާއިން 6-1ން ކާމިޔާބުކުރިއިރު މި މެޗުގައި ބާސެލޯނާގެ ތަރި ލުއިސް ސުއަރޭޒް ވަނީ ހެޓްރިކެއްވެސް ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖިރޯނާއިން 3 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު އޭގެ ދެ މިނެޓް ފަހުން ލުއިސް ސުއަރޭޒް ވަނީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ބާސެލޯނާއިން ދެން ކާމިޔާބުކުރި ދެ ލަނޑުވެސް ކާމިޔާބުކުރީ ލިއޮނެލް މެސީއެވެ. އަދި އެޔަށްފަހު ސުއަރޭޒްގެ ދެލަނޑުގެ އިތުރުން ބާސެލޯނާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ފިލިޕޭ ކޫޓީނިއޯވެސް ވަނީ މި މެޗުގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. މި މެޗު ބާސެލޯނާއިން ފަހަތުން އަރައި ކާމިޔާބުކުރިއިރު ބާސެލޯނާގެ ގިނަ ތަރިންތަކެއް ވަނީ މި މެޗުގައި އެއްކޮށް ފެނިގެންގޮސްފައެވެ. މިގޮތުން ފިލިޕޭ ކޫޓީނިއޯ އަދި އޮސްމާން ޑެމްބެލޭ ވަނީ މި މެޗުގައި ފުރިހަމަ 90 މިނެޓް ކުޅެފައެވެ.

މި މެޗާއިއެކު ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި 65 ޕޮއިންޓާއިއެކު އޮތްއިރު ދެވަނައިގައި އޮތް އެތްލެޓިކޯ އޮތީ 55 ޕޮއިންޓުގައެވެ. ރެއާލް މެޑްރިޑު އޮތީ ތާވަލުގެ ތިންވަނައިގައި 51 ޕޮއިންޓާއިއެކުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙުސައިން މ. މުލި

    ޔާ ﷲ ތޮނާލްޑޯ އަށް އިސްލާމް ދީނުގެ ހިދާޔަތު ދައްކަވާފާން ދޭވެ

  2. ހުމުދު

    އެއީ ދީލަތިކަމެއްނޫން ރޮނާ ލަގޮޑީގަ ނާށިލާފަ ހުރީތީ ބެންޒެމާ މެން ހަޔާތްކަޑާލާފަ ބޯޅަނެގީ ރޮނާޔައް ބޯޅަ އަތުލަން ނުކެރުނީ ދީލަތިވީކީނޫން.....

    1
    2
  3. އަޙުމަދު

    ކޮބާ ދީލަތި ކަމަކީ!؟

    • ހުސޭނުބޭ

      ވަރަށް ބައިވަރު ލާރިދިން. 30 މިލިއަން

  4. އަހޫ

    ވަގުތު މީހުންވާނެ ބާސާ ފޮޑި ޖެހިޔަސް ލިޔަން.