ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމުގެ މަގާމަށް މައުރީޒިއޯ ސާރީ ހަމަޖައްސައިފިއެވެ.

ކުރިން އިޓަލީގެ ނަޕޯލީ އަށް ކޯޗުކޮށްދިން ސާރީ ޗެލްސީގެ ކޯޗުކަމާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި އެންޓޯނިއޯ ކޮންޓޭ މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ.

ޗެލްސީގެ ކޯޗުކަމާ ހަވާލުވުމަށްފަހު ސާރީ ބުނީ އެ ކްލަބުގެ ކޯޗުކަމާ ހަވާލުވެވުމުން އެކަމާ އުފާކުރާ ކަމަށާއި މިއީ އޭނާގެ ކެރިއަރުގައި ވެސް ވަރަށް ޝައުގުވެރި ވަގުތުކޮޅެއް ކަމަށެވެ.

"އުއްމީދަކީ ސަޕޯޓަރުން ބަލާ ހިތްވާފަދަ ރީތި ފުޓްބޯޅަ އެއް ކުޅެ، ތަށިތަކަށް ވާދަކުރުން. މިއީ ތަށިތައް ހައްގުވާ ފަދަ ކްލަބެއް" އުމުރުން 59 އަހަރުގެ ސާރީ ބުންޏެވެ.

ނަޕޯލީގައި ތިން އަހަރު ހޭދަކޮށްފައިވާ ސާރީގެ އިރުޝާދުގެ ދަށުން ކުޅެ އެ ކްލަބުން ވަނީ އިޓާލިއަން ލީގު ދެ ފަހަރެއްގެ މަތިން ދެވަނައިގައި އޮވެ ނިންމާލާފައެވެ. ސާރީ އަކީ ޗެލްސީގެ އޯނަރު ކަމާއި ރޯމަން އަބްރަމޮވިޗް ހަވާލުވިފަހުން އެ ކްލަބުގެ ކޯޗުކަމާއި ހަވާލުވި 13 ވަނަ ފަރާތެވެ.

ސާރީ ޗެލްސީ އަށް ބަދަލުވިއިރު ނަޕޯލީން ވަނީ އެ ކްލަބުގެ ކޯޗުކަމަށް ކާލޯ އެންޗެލޯޓީ ހަމަޖައްސާފައެވެ.

ސާރީގެ އިތުރުން މިދިޔަ ސީޒަނުގައި ނަޕޯލީގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި ޖޯޖީނިއޯ ވެސް ޗެލްސީ އަށް ބަދަލުވާނެ ކަމަށް ބެލެވެއެވެ.