މުބާރާތުގެ ފައިނަލަށް ދަތުރުނުކުރި ނަމަވެސް، އިންގްލެންޑް އިން ވަނީ މި މުބާރާތުގައި ގިނަ މީހުން ހީނުކުރާ ނަތީޖާތަކެއް ނެރިފަ އެވެ. ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރުމަކީ، އިންގްލެންޑްގެ ޒުވާން ޓީމުން ހޯދި ރަނގަޅު ކާމިޔާބެެކެވެ. އެކަމަކު ކްރޮއޭޝިއާ އަތުން ސެމީ ފައިނަލްގައި އިންގްލެންޑް ވަނީ ބަލިވެފަ އެވެ. މުބާރާތުގައި މިރޭ ބެލްޖިއަމްއާ ދެކޮޅަށް އިންގްލެންޑް ނުކުންނާނީ ތިން ވަނަ ކަނޑައަޅާ މެޗަށެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލުކޮށްފަ އެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ ބެލްޖިއަމް އެވެ. އެ މެޗުގެ ކުރިން ދެ ޓީމަށް ވެސް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައި އޮތުމުން، ދެ ޓީމުން ވެސް ވަނީ މުހިންމު ކުޅުންތެރިންނަށް އެ މެޗުގައި ރެސްޓް ދީފަ އެވެ.

ބެލްޖިއަމްގެ "ރަން ޖީލު"ގެ ކުޅުންތެރިންނާއެކު، ސެމީ ފައިނަލަށް ދަރުކުރުމަކީ އެ ޓީމަށް ވެސް ލިބުނު ބޮޑު ކާމިޔާބެެކެވެ. ތިން ވަނަ ހޮވާ މެޗުން މޮޅުވެ، ތިން ވަނަ މަޤާމް ބެލްޖިއަމް ހޯދައިފި ނަމަ އެއީ ވޯލްޑް ކަޕްގައި އެ ޤައުމަށް ލިބުނު އެންމެ ބޮޑު ކާމިޔާބަށްވެެގެންދާނެ އެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗުން މޮޅުވުމަކީ މިހާރު މި ދެ ޓީމަށް ވެސް މުހިންމުކަމަކަށްވާނެ އެވެ. އެކަަަމަކު ފަހަރެއްގައި މި މެޗު ބޮޑަށް މުހިންމު ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ރަންބޫޓު މި މެޗުން ކަނޑައެޅުމުގެ ފުރުސަތު ބޮޑުވުމުންނެވެ. ހަ ލަނޑާއެކު، ލަނޑު ލިސްޓުގެ ކުރީގައި މި ވަގުތު އޮތީ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އެވެ. ހަތަރު ލަނޑާއެކު، ބެލްޖިއަމްގެ ރޮމެއޫ ލުކާކޫ އަކީ ރަންބޫޓަށް ވާދަކުރާ ކުޅުންތެރިއެކެވެ. އެހެންކަމުން ފަހަރެއްގައި މިރޭގެ މެޗަކީ ރަންބޫޓު ލިބޭ ކުުޅުންތެރިޔާ ކަނޑައެޅިގެންދާނެ މެޗަށް ވެދާނެ އެވެ.

މި މެޗަށް ނުކުންނައިރު، ދެ ޓީމުން ވެސް ބަަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓް ބުނީ މާ ގިނަ ބަދަލުތަކެއް ގެންނަން ބޭނުންނުވާ ކަމަށެވެ.

ބެލްޖިއަމް:

ބެލްޖިއަމް ވަނީ ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި 1986 ވަނަ އަހަރު ކުޅެފަ އެވެ. އެ މެޗުން ބެލްޖިއަމް ވަނީ ބަލިވެފަ.

ވޯލްޑް ކަޕްގައި 1990 ވަނަ އަހަރުގެ ފަހުން ޔޫރަޕްގެ ޓީމުތައް އަތުން ޖެހިޖެހިގެން ދެ މެޗުން ބެލްޖިއަމް ބައްޔެއްނުވޭ.

ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު 26 މެޗުގެ ތެރެއިން ބެލްޖިއަމް ބަލިވީ ދެ މެޗުން.

އިންގްލެންޑް:

އިންގްލެންޑް މީގެ ކުރިން ވޯލްޑް ކަޕްގެ ތިން ވަަނަ ހޮވާ މެޗުގައި މީގެ ކުރިން ވާދަކުރީ 1990 ވަނަ އަހަރު. އެ މެޗުން އިންގްލެންޑް ވަނީ ބަލިވެފަ.

އިންގްލެންޑް އިން ވަނީ މި އަހަރުގެ ވޯލްޑް ކަޕްގައި 12 ލަނޑު ޖަހައިފަ. މިއީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ޓީމު.

އެނގޭތަ؟

މިއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން، ދެ ފަހަރު ދެ ޓީމު ވޯލްޑް ކަޕްގެ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕް 2002ގައި ބްރެޒިލް އާއި ތުރުކީ ވަނީ ދެ ފަހަރު ބައްދަލުކޮށްފަ އެވެ.