ނަޕޯލީ އަށް ކުޅެމުން އައި އިޓަލީގެ ހުނަރުވެރި މިޑްފީލްޑަރު ޖޯޖީނިއޯ ޗެލްސީ އަށް ބަދަލުވެއްޖެއެވެ.

އުމުރުން 26 އަހަރުގެ ޖޯޖީނިއޯ ޗެލްސީ އަށް ބަދަލުވީ 50 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއާއެކު ޖޯޖީނިއޯ ވެގެން ގޮސްފައިވަނީ ޗެލްސީގެ ތާރީހުގައި ވެސް އެންމެ ބޮޑު އަގެއްގައި އެ ކްލަބަށް ގެނައި މިޑްފީލްޑަރަށެވެ.

ޖޯޖީނިއޯ ޗެލްސީ އަށް ބަދަލުވިއިރު އޭނާ ގެންނަން މިދިޔަ މަސްތަކުގައި މެންޗެސްޓަރ ސިޓީން ވަރަށް ބޮޑަށް މަސައްކަތްކުރިކަން ފާހަގަކޮށްލެވެއެވެ.

ޗެލްސީ އަށް ބަދަލުވުމަށްފަހު ޖޯޖީނިއޯ ބުނީ ޗެލްސީ ކަހަލަ ބޮޑު ކްލަބަކަށް އައުމަކީ އުނދަގޫ ކަމެއް ކަމަށާއި އެ ކްލަބަށް އާދެވުމުން އެކަމާ ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށެވެ. އަދި ޕްރިމިއާ ލީގުގައި ކުޅެން ވަރަށް ބޮޑަށް ޝައުގުވެރިވެފައިވާ ކަމަށްވެސް ޖޯޖީނިއޯ ބުންޏެވެ.

ނަޕޯލީގެ މެދުތެރޭގައި މިދިޔަ ސީޒަނުގައި މުހިއްމު ދައުރެއް އަދާކުރި ޖޯޖީނިއޯ އެ ކްލަބާ ގުޅުނީ 2014 ވަނަ އަހަރެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ނަޕޯލީ އަށް 36 މެޗު ކުޅެދީފައެވެ.

ޖޯޖީނިއީ ޗެލްސީ އަށް ބަދަލުވެފައިވާއިރު، ޗެލްސީން މިއަދު ވަނީ އެ ކްލަބުގެ ކޯޗަކަށް ނަޕޯލީގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީ ހަމަޖައްސާފައެވެ.