2-0 އިން އިންގްލޭންޑް ބަލިކޮށް ވޯލްޑް ކަޕްގެ ތިންވަނަ މަގާމު ބެލްޖިއަމް އިން ހޯދައިފިއެވެ.

މި ދެ ޓީމު މިރޭ ބައްދަލުކުރި ތިންވަނަ ހޮވި މެޗުގެ ހަތަރުވަނަ މިނެޓްގައި ބެލްޖިއަމްގެ ޑިފެންޑަރު ތޯމަސް މުނިއޭ ވަނީ އެޓީމަށް ލީޑުު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އިންގްލޭންޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ޗަޑްލީ ބޯޅަ ހުރަސްކޮށްލުމުން ގޯލު ކުރިމަތީ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ބެލްޖިއަމް އިން ތަނަވަސްކުރިއިރު އެންމެ ފާހަގަކޮށްލެވެނީ ކެވިން ޑިބްރައިނާ ފޮނުވާލި ހަމަލާއެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ އިންގްލޭންޑްގެ ޒުވާން ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.

ބެލްޖިއަމްގެ ފުރަތަމަ ގޯލު މުނިއޭ ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

މެޗުގެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި އިންގްލޭންޑުން ކުޅުން ރަނގަޅު ކުރިއިރު މި ހާފުގައި އެޓީމުން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އެރިކް ޑަޔާ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ރޮނގު މަތިން ބެލްޖިއަމްގެ ޑިފެންޑަރު ޓޯބީ އަލްޑަވައިރަލްޑް ދިފާއުކުރިއިރު ހެރީ މެގުއާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ދެވަނަ ހާފްގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ލިބުނު ނަމަވެސް ބޯޅަ ރަނގަޅަށް ކޮންޓްރޯލް ކުރެވޭގޮތް ނުވުމުން އެ ފުރުސަތުތަކުގެ ބޭނުން އޭނާ އަށް ވަނީ ހިފޭގޮތް ނުވެފައެވެ.

މި މެޗުގައި ބެލްޖިއަމް އިން ކާމިޔާބުކުރި ދެވަނަ ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އެޑެން ހަޒާޑްއެވެ. ހަޒާޑް މި ގޯލު ކާމިޔާބުކުރީ އިންގްލޭންޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް - ފޮޓޯ: އޭއެފްޕީ

މި މެޗުން މޮޅުވެ ބެލްޖިއަމް އިން ތިންވަނަ ހޯދިއިރު މިއީ އެޓީމުގެ ތާރީހުގައި ވެސް ވޯލްޑް ކަޕެއްގައި މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.